ސިޔާސީ ބަޔަކު ތަނެއްގައި ބޮމެއް ހަރެއް ނުކުރާނެ: އުމަރު

ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކުރި ވީޑިއޯ ސްކްރީން ޝޮޓް

ސިޔާސީ ވާދަވެރިއަކު މަރަން ސިޔާސީ ބަޔަކު ބޮމެއް ހަރު ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ.

"އެއްވެސް ސިޔާސީ ބަޔަކު ތަނެއްގައި ބޮމެއް ހަރެއް ނުކުރާނެ، އޭނާގެ ސިޔާސީ ވާދަވެރިޔަކު މަރާކަށް. އަޅުގަނޑަށް ޔަގީން. ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ އެއް ޕާޓީއެއް، އަނެއް ޕާޓީއެއްގެ ވެރިޔަކުގެ ފުރާނަޔާ ކުޅުމަށް އެކަހަލަ އެއްވެސް ހަމަލާއެއް ނުދޭނެ. އެއީ ހަމަ އަޅުގަނޑުމެން އެންމެނަށް ޔަގީންވާ ކަމެއް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިއީ ގައުމުގެ އިސްތިގުލާލާ ކަރާމަތާ، ވެރިކަމުގެ އިއްޒަތާ ވެރިކަމުގެ ކަރާމަތަށް ޓަކައި އެންމެން އަތު ގުޅާލައިގެން މަސަކަތް ކުރަން ޖެހޭ ވަގުތެއް ކަމަށެވެ. އަދި މިއީ ސިޔާސީ ހިޔާލުތަފާތުވުންތަކާއި ފާޑުކިއުންތައް އެއް ކައިރިކޮށްފައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ދަތުކުރެއްވި ރިޔާސީ ލޯންޗްގައި ދިން ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެ ހަމަލާ ކާމިޔާބު ވީ ނަމަ ދައުލަތެއްގެ ގޮތުގައި ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެން ދިޔައީސް ކަމަށެވެ. ސިޔާސީ ޕާޓީ އަކުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވީ އެއަށް ފަހުގަ އެވެ.

"...އަޅުގަނޑުމެންގެ އަގީދާޔާ އިސްލާމްދީނާ މިހުރިހާ ކަމެއްގެ ބަރަކާތުގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަ ސަލާމަތްވީ އެގޮނޑީގައި ރައީސުލްޖުމްހޫރިއްޔާ އިށީނދެވަޑައި ނުގެން އެހެން ގޮނޑިއެއްގައި އިށީންނެވުމަށް އެހިޔާލުފުޅު އެމަނިކުފާނަށް އައިސްގެން. އެހެން ނޫން ނަމަ މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާއި އަދި އަޅުގަނޑުމެންގެ މިދެކޭ ގޮތް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން މިދެކޭ ގޮތް އެއްކޮށް ބަދަލުވެގެން ދިޔައިސް ކަމާ މެދު އެއްވެސް ޝައްކެތް ނެތް،" އުމަރު ވިދާޅުވި އެވެ.

ރޭގައި މުލީއާގޭ ކައިރިން ފެނުނު ބޮމަކީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ބަޔަކު ރޭވި ހަމަލާއެއް ކަމަށް ވެސް މިރޭގެ ޖަލްސާގައި އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް