މޯބައިލް މެދުވެރިކޮށް އިންޝުއަރެންސަށް އެދި ފައިސާ ދެއްކޭނެ އެޕްލިކޭޝަނެއް އަމާނާއިން ތައާރަފުކޮށްފި

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމާއި އަމާނާތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާނު އަމާނާތަކަފުލްގެ މޯބައިލް އެޕް ތައާރަފްކޮށްދެއްވަނީ -- ފޮޓޯ: އަމާނާތަކަފުލް

މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އިންޝުއަރެންސް ޕޮލިސީތަކަށް އެދި އެ ޕޮލިސީތަކަށް ފައިސާ ދެއްކޭނެ އެޕެއް އަމާނާތަކަފުލް އިން ތައާރަފްކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގައި އެ އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ގަވަރުނަރު އަޒީމާ އާދަމާއި އަމާނާތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާނެވެ.

އިސްލާމިކް އިންޝުއަރެންސް ހިދުމަތްދޭ އަމާނާތަކަފުލް އިން ތައާރަފްކުރި މި އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ވަރަށް ބޭނުންތެރި އެއްޗަކަށްވާނެ ކަަމަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު އިމްރާން ވިދާޅުވި އެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުންޏަކުން އެޕްލިކޭޝަނެއް ތައާރަފްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އަމާނާއިން ދޭ ހުރިހާ ހިދުމަތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ދޭނެ ކަަމަށެވެ.

އަމާނާތަކަފުލްގެ މޯބައިލް އެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަމާނާތަކަފުލް

" މި އެޕްލިކޭޝަން މެދުވެރިކޮށް ތާޑް ޕާޓީ މޮޓާ އިންޝުއަރެންސް ނަގާފައިވާ ފަރާތަކުން އެކްސިޑެންޓެއްވާތަނުން ފޮޓޯ ނަގާފައި ކޮމްޕެންސޭޝަނަށް އެދި ހުށަހެޅިދާނެ،" އިމްރާން ވިދާޅުވި އެވެ.

އެ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެ ކަަމަށް އަމާނާއިން ބުނެއެވެ.

comment ކޮމެންޓް