މާލޭގެ މާރުކޭޓުތަކުގައި ސައްހަ ވިސާ އޮވެގެން މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިހާރު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މާލޭގެ މާރުކޭޓުތަކުގައި ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރެއެވެ. އެ ޝަކުވާތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ ރޯދަމަހަށް ޚާއްސަ އޮޕަރޭޝަނެއް މާރުކޭޓުތަކުގައި ކުރިއަށްގެންގޮސްފައެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނީ، އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ބަލާފާސްކުރިއިރު، ސައްހަ ވިސާގެ ދަށުން އެ ބިދޭސީއަކު މަސައްކަތްކުރުމަށް ހަމަޖެހިފައި ހުރި ތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރެވޭކަމަށެެވެ.
އިމިގްރޭޝަނުން ބުނީ ރޯދައާ ދިމާކޮށް މާލޭގައި ހިންގަމުންދާ މާރުކޭޓު ތަކުގައި ބިދޭސީން އަތްގަދަކޮށް ގަވާއިދާ ޚިލާފަށް ވިޔަފާރީ ކުރަމުން ދާ ކަމުގެ ރިޕޯޓުތަށް އިމިގްރޭޝަން ވޮޗަށް ލިބިފައިވާކަމަށެވެ.
އެހެންވެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ދަށުން ފުރަތަމަ ބަލައިފާސް ކުރީ މާލޭގައި ހިންގަމުންދާ ކުދި މާރުކޭޓުތައްކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފަސް ތަނެއްބަލައި ދެ ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައި ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، ދެން އެ އިދާރާއިން ދިޔައީ މާލޭގައި ހުންނަ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު މިގްރޭޝަނުގެ އޮފިސަރުން ވަނީ ސިއްރުން ބިދޭސީން ތިބޭ ގޮޅިތަށް ދެނެގަނެފައި ކަމަށާއި އޭގެ ދެދުވަސް ފަހުން، ފެބުރުއަރީ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަނެއްކާވެސް ހަމަ އެ ގޮޅިތަށް ބަލައިފާސްކޮށް އެ މީހުންގެ ލިޔެކިޔުންތައް ބެލި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އޭގެ ތެރެއިން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ބިދޭސީން މާރުކޭޓުތަކުގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން މީގެ ކުރިން ވެސް އިމިގްރޭޝަނުން މާރުކޭޓުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގައިފައިވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.