ކުންފުނިތަކުގެ ޕްރޮޖެކެޓްތަކަށް ބޭނުންވާ ފައިސާ މޮރީޝަސް ސްޓޮކްއެކްސްޗޭންޖު މެދުވެރިކޮށް ހޯދާނެ ގޮތުގެ މައުލޫމާތު ދެނީ

ސީއެމްޑީއޭ އިން ބޭއްވި ސެމިނާއެއްގެ ތެރެއިން. ޕްރޮޖެކެޓްތަކަށް ބޭނުންވާ ފައިސާ މޮރީޝަސް ސްޓޮކްއެކްސްޗޭންޖު މެދުވެރިކޮށް ހޯދާނެ ގޮތުގެ މައުލުމާތު ދިނުމަށްޓަކައި އަންނަ ބުދަ ދުވަހު ޚާއްސަ ސެޝަނެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައި -- ފޮޓޯސީއެމްޑީއޭ

ރާއްޖޭގެ ކުންފުނިތަކުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ މޮރީޝަސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ހޯދާނެ ގޮތުގެ މައުލުމާތު ދިވެހި ވިޔަފާރިވެރިންނަށް ދިނުމަށްޓަކައި އަންނަ ބުދަ ދުވަހު ޚާއްސަ ސެޝަނެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވީ، ބުދަ ދުވަހު އޮންނަ ސެޝަނުގައި ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

" ދިވެހި ކުންފުނިތަކުން ފައިނޭންސް ހޯދުން މިއޮތީ ހަމައެކަނި ރާއްޖެއަށް ލިމިޓް ވެފައެއް ނޫން. ބައިނަލްއަގުވާމީ މާކެޓްގައި އެބަހުރި ފައިނޭންސް ހޯދޭނެ ފުރުސަތުތަކެއް. އިންޓަނޭޝަނަލް ކެޕިޓަލް މާކެޓްގައި އެބައޮތް ފުރުސަތު،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، މައުލޫމާތު ދިނުމުގެ ސެޝަނުގެ ބޭނުމަކީ އެ ފުުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

ދިވެހި ކުންފުނިތަކަށް މައުލޫމާތު ދިނުމަށް އަންނަ މޮރީޝަސްގެ ޓީމްގެ އިސް ބޭފުޅަކަށް ހުންނަވާނީ އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ސުނިލް ބެނިމަދު އެވެ. މައުލުމާތު ދިނުމުގެ އެ ސެޝަނުގެ އިތުރުން ރާއްޖޭގެ ކުންފުނިތަކާއި އެކު 'ވަން ޓު ވަން' ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ.

" މި ބައްދަލުވުންތަކުގެ ބޭނުމަކީ ރާއްޖޭގެ ކުންފުނިތަކުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ މޮރީޝަސް ކެޕިޓަލް މާކެޓުން ހޯދޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުުރުން،" ނަސީރު ވިދާޅުވިއެވެ.

އެ ސެޝަންގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތައް ހިމެނޭ ގޮތަށް ވިއްސަކަށް ކުންފުނި ބައިވެރިވާ ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.

ސީއެމްޑީއޭ އިން މިދިޔަ މަހު މޮރީޝިއަސް އަށް ކުރި ދަތުރުގައި ވަނީ ކްރޮސް ބޯޑާ ލިސްޓިން އަށް މަގުފަހި ކުުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް