ރިޓަޔަމަންޓް ފައިސާ ހޯދަން ކުރީގެ ސީޕީ ހުސެއިން ވަހީދު ހުށަހަޅުއްވައިފި

ހުސައިން ވަހީދު --- ސަން ފައިލް ފޮޓޯ

ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވާފައިވާ ހުސައިން ވަހީދު ރިޓަޔަމަންޓް ފައިސާ ހޯއްދަވަން ހުށަހަޅުއްވައިފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ ރިޓަޔާމަންޓު ފައިސާ ހޯއްދެވުމަށް ހުސައިން ވަހީދު އެމިނިސްޓްރީއަށް ހުށަހެޅުއްވި ނަމަވެސް އެކަމާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޓަޔަމަންޓް ފައިސާ ދިނުމާ މެދު ގޮތެއް ނުނިންމައި ވަނީ ހުސައިން ވަހީދު ބަދަލުކުރައްވާފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާ އެއްފެންވަރުގެ މަގާމަކަށް ވާތީ ކަމަށެވެ.

"ހޯމް މިނިސްޓީން އެކަމަށް އަދި ވަކިގޮތެއް ނުނިންމާ. ސަބަބަކީ ހުސައިން ވަހީދު މިހާރު އަދާކުރައްވަމުން ގެންދަވާ ވަޒީފާއަކީ ވެސް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށްވާތީ،" ތަޒުމީލް ވިދާޅުވި އެވެ.

ހުސައިން ވަހީދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން ސިފައިންނާ ފުލުހުން ދެ މުއައްސަސާއަކަށް ބަދަލުކުރެއްވުމުން އޭނާ ވަނީ ފުލުހުންގެ މުއައްސަސާއަށް ބަދަލުކުރައްވައިފަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަރު އޮފް ޕޮލިސްގެ މަގާމް އަދާކުރެއްވި ހުސައިން ވަހީދަށް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ހުސައިން ވަހީދު އެ މަގާމުން ވަކިކުރެއްވީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރައީސް އެޅުއްވި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް