އެޗްޑީއެފްސީން ދޫކުރާ އިސްލާމިކް ފައިނޭންސިން އިން ލިބޭ އާމްދަނީ ދެގުނައަށް އިތުރުވެ ފާއިތުވި ކުއާޓާގެ ފައިދާގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ. މިއީ ކުރީގެ ކުއާޓާ އާ އަޅައިބަލާއިރު 4.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފާއިތުވި ތިން މަސްދުވަހު އެ ކުންފުންޏަށް ވަނީ އިސްލާމިކް ފައިނޭންސުން ގާތްގަނަޑަކަށް ދެ މިލިއަން ރުފިޔާ ލިބިފަައިކަމަށް ކުންފުނީގެ ހިސާބުތަކުން ދައްކައެވެ.
" އިސްލާމިކް ފައިނޭންސަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން. ކުރީ ކުއާޓާއަށް ވުރެ މި ކުއާޓާގައި ވަނީ އިސްލާމިކް ފައިނޭންސުން ލިބުނު އާމްދަނީ 117 ޕަސެންޓް އިތުރުވެފައި،" އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވި އެވެ.
ފާއިތުވި ކުއާޓާގައި އެޗްޑީއެފްސީ އަށް ވަނީ އާމްދަނީގެ ގޮތުގައި 33 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ކުރީ ކުއާޓާއަށް ވުރެ ދެ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފާއިތުވި ކުއާޓާގައި ވަނީ މުވައްޒަފުންނަށް ކުރާ ޚަރަދާއި އެހެނިހެން ޚަރަދުތައް ދަށް ވެފައެވެ.
ޝަފީގު ވިދާޅުވީ، އެޗްޑީއެފްސީގެ ލޯނުތަކަށް ނަގާ އިންޓަރެސްޓް ކުޑަކުރުމާއި އެކު ވެސް އެ ކުންފުނިން މާލީ ގޮތުން ނަފާހޯދަމުން އަންނަ ކަމަށެވެ.
މިއަހަރުގެ އެޕްރިލް މަހުން ފެށިގެން އެޗްޑީއެފްސީން ވަނީ އެ ކުންފުނިން ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް 11.5 ޕަސެންޓުން 11 ޕަސެންޓަށް ދަށްކޮށްފައެވެ.
އެޗްޑީއެފްސީން ފާއިތުވި ދިހަ އަހަރު 1.5 ބިލިއަން ރުފިޔާ ގެދޮރު ގަތުމަށް ނުވަތަ އިމާރާތް ކުރުމަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.