ލޯންޗުގައި ގޮވީ ބޮމެއް ނޫނެކޭ އެފްބީއައިއަކުން ނުބުނޭ: މިނިސްޓަރު އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ގޮވާފައި ވަނީ ބޮމެއް ނޫން ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި)ގެ ރިޕޯޓުގައި ބުނެފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ލޯންޗުން ގޮވާ އެއްޗެއްގެ އަސަރު ފެނިފައި ނުވާ ކަމަށް އެފްބީއައިގެ ތަރުޖަމާނަކާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލްގައި ޝާއިއު ކުރި ހަބަރަކާ ގުޅިގެން ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެފްބީއައިގެ ރިޕޯޓުގައި ބުނެފައި ވަނީ ގޮވާ އެއްޗެއް ކަމަށް ޔަގީން ކަމާއެކު ނުބުނެވޭނެ ކަމަށެވެ.

"...އެފްބީއައިގެ ރިޕޯޓުގައި ބުނެފައި އޮތީ ތިމަންނަމެންގެ އެގްޒެމިނަރުން ބެލި ބެލުމުން ޔަގީންކަމާ އެކުގައި ތިމަންނަ މެންނަށް އެއީ އައީއީޑީއެކޭ، ހަރުކޮށްފައި އިން ބޮމެކޭ ތިމަންނަ މެންނަކަށް ނުބުނެވޭނޭ ޔަގީންކަމާ އެކުގައި. އެކަމަކު އެއީ ބޮމެއް ނޫނެކޭ އެ މީހުންނެއް ނުބުނޭ އިނގޭތޯ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ވޯލްސްޓްރީޓްގެ ހަބަރުގައި ބުނެފައި ވަނީ ދެބައިކުޅަ އެއްބައި ތެދެއް ކަމަށެވެ. އުމަރު ވިދާޅުވީ އެފްބީއައި އިން ގެންދިޔައީ 10 ސާމްޕަލް ކަމަށާއި އެމީހުން ގެންދިޔައީ ގޮވާ އެއްޗެއްގެ މާއްދާއެއް އެކުލެވޭތޯ ގެންދިޔަ ސާމްޕަލް ކަމަށެވެ. އަދި ސަޢުދީ އަރަބިއްޔާއިން ގެންދިޔައީ އެފަދަ ހަ ސާމްޕަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ސަޢުދީ މީހުން ގެންދިޔަ މީގެ ހަ އެތިކޮޅު އިނގޭތޯ، ގެންގޮސްގެން ސަޢުދީ މީހުންނަށް ފެނުނު މީގެއިން އާރްޑީއެފް. ޔޫއެސް މީހުން ގެންދިޔަ ސާމްޕަލް ތަކުން އެމީހުންނަށް ނުފެނުނީ އިނގޭތޯ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސްޕްލޮސިވް ނުފެނުމުގެ މާނައަކީ އެކްސްޕްލޮސިވް ނެތުމެއް ނޫން ކަމަށެވެ. އޭގެ މާނައަކީ ހައި އެކްސްޕްލޮސިވް ބޭނުންކޮށްފައި ހުރުމުގެ ފުރުސަތު ބޮޑުވުން ކަމަށް ވެސް ވިދާޅުވިއެވެ.

"...ހައި އެކްޕްލޮސިވް ކަމަށް ވަންޏާ މި ވާގޮތަކީ އޭގެ އަނދައިގެން ދާ ރޭޓް އަވަސްކަމުން ވަރަށް އަވަހަށް އަނދައިގެން ދާތީވެ، ބުރައިގެން ގޮސްފައި ޖެހިފައި ހުންނަ ހުރިހާ އެއްޗެއް އެއްކޮށް އަނދައިގެން ދަނީ،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް