އއ. ތޮއްޑޫ ގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެއްވެސް ރައީސަކަށް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ނުބެލުނު ކަމަށާއި އެމައްސަލަތައް ބައްލަވަން ފެއްޓެވީ ރައީސް ޔާމިން ގެ ސަރުކާރުން ކަމަށެވެ. ނަތީއްޖާ އަކަށް ވެގެން ދިޔައީ އެމަނިކުފާނާއި އެމަނިކުފާނުގެ އައިލާއާއި އެކުގައި ލޯންޗުކޮޅުގައި ދަތުރު ކުރި ހުރިހާ ރައްޔިތުން ގާތްގަނޑަކަށް ދުނިޔެއިން ނައްތާލުމުގެ ނުރައްކާތެރި ހަމަލާއެއް ރޭވިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަޕްޝަނާއި ވަކަން ހުއްޓުވުމަށް ޓަކައި ރައީސްއެއްގެ ހައިސިއްޔަތުން ނެންގެވެން އޮތް އެންމެ މަތީ އެންމެ މަތީ ފުރިހަމަ ފިޔަވަޅު ރައީސް ނެންގެވި ކަމީ މި ގައުމުގެ ތާރީހުގެ ހަގީގަތް. އޭގެ ނަތިއްޖާ އަކަށް ވީ އެމަނިކުފާނު ހައްޖުން ވަޑައިގެން އެތައް ބަޔަކު ލޯޗު ތެރޭގައި ތިއްބާ ލޯންޗު ގޮއްވާލީ،" ނިހާން ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް އިޝާރާތް ކުރައްވައި ނީހަން ވިދާޅުވީ އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން މިރާއްޖޭގެ ރަށްތަކަށް ލިބެން ޖެހޭ ފައިސާ ސަރުކާރާއި އެއްވެސް މީހަކަށް ނާންގައި ބޭނުން ކުރި ގޮތަކަށް ބޭނުން ކުރިކަން އެނގުނު ހިސާބުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި އަދީބަށް ކުރި ޓެރަރިޒަމް ގެ ދައުވާ ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާތާ ގުޅިގެން ވެސް އަދީބުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އަދި އެއިން އެއް މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ކުރިން އަދީބަށް ކުރެވުނު ކޮރަޕްޝަން ގެ ތުހުމަތުތަކަށް ސައިބޯނި ބޮއްކެކޭ އޭނާ ބުނެފައިވާނެ ކަމަށާއި އެގޮތަށް އެހެން ބުނީ އޭރު މާލިއްޔަތު ކޮމެޓީން ބެލި މައްސަލައެއްގައި ކޮރަޕްޝަންގެ ކަމެއް ފެންނަން ނެތުމުން ކަމަށް މަލިޔަތު ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މާލިއްޔަތު ކޮމެޓީން އޭރު ބެލީ 2014 ވަނަ އަހަރު އެމްޕީއެލް އިން ޑޮލަރު ގަތުމުގެ މައްސަލައެއް ކަމަށާއި ނަމަވެސް އެއް ކުންފުނިން އަނެއް ކުންފުޏައް ޑޮލަރު ވިއްކުމުގެ އުސޫލަކީ ކުރީއްސުރެ އޮންނަ އުސޫލެއް ކަމުން އޭގައި އެވެސް ގޯހެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެމައްސަލަ ބެލިން. ބަލާ ދިރާސާކުރުމަށް ފަހުގައި އެއީ ސިޔާސީ ގޮތުން އޭނަގެ ބޮލުގަ އަޅުވަން ބަޔަކު ރާވައިގެން އުޅޭ ކަމަކަށް ވަތީ އަޅުގަނޑު އެދުވަހު ވަރަށް ކެރިގެން އެދުވަހު އެހެން ބުނީ، އެއީ ސައިބޯނި ބޮއްކެކޭ ބުނީ،" ނިހާން ވިދާޅުވި އެވެ.