ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާ ގައި އެއްޗެއް ގޮވާލި މައްސަލައިގައި އަލުން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ އިތުރުން ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ދެ ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.
އެކަން ފާހަގަކޮށް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ޔާމީންގެ ވަކީލް ވިދާޅުވީ, އެ މައްސަލައިގައި ކުރި ދައުވާތަށް އަނބުރާ ގެންދިޔައީ ހަމަލާގެ މޭޒްތިރިޔާކަމަށް ޝައްކު ކުރެވޭ އަދީބުއާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމެއްގަ ދަށުން ކަމަށެވެ.
ވަކީލް މިހެން ވިދާޅުވުމުން އެކަން އިތުރަށް ސާފުކޮށްދިނުމަށް ފަނޑިޔާރު ހުސްނުއްސުއޫދު އެދިވަޑައިގަތެވެ. ޖަވާބުގައި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ މިހާރު އެ މައްސަލައިގައި އެއްވެސް މީހަކު ހުކުމް ތަންފީޒުކުރަމުން ނުދާ ކަމަށެވެ.
"އެ މައްސަލައިގައި ދައުވާތަކެއް ކުރެވުނު. ނަމަވެސް މިހާރު އެ ދައުވާއާ ގުޅިގެން އެއްވެސް ފަރާތެއް ހުކުމް ތަންފީޒު ކުރަމުން ނުދޭ," ޝަފީއު ވިދާޅުވިއެވެ.
އެ މައްސަލަ އެ ހިސާބުން 'އޮބުނީ' ތޯ ސާފު ކޮށްދެއްވުމަށް ފަނޑިޔާރު ސުއޫދު އެދުވަޑައިގަތުމުން ޝަފީއު ވިދާޅުވީ, ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި މިހާރު އެއްވެސް މަސައްކަތެއް ނުކުރޭ ކަމަށެވެ.
"މިހާރު އެ މައްސަލައާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ," ޝަފީއު ވިދާޅުވިއެވެ.
ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ އަދީބު ތައްޔާރުކުރީ ސިފައިންގެ މީހަކު ލައްވައި ކަމަށް ބުނެ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސްދިން މީހަކު ވަނީ ބުނެފައެވެ.