ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހަމަލާގެ ވާހަކަ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުދައްކަވާތީ އެކަމާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭރު ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި ސައީދު މިހެން ވިދާޅުވީ ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމާގައި އެމަނިކުފާނުގެ ސެކިއުޓީ ބްރީޗްވި ސަބަބު ދެނެގަތުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓާއި ގުޅޭގޮތުން ރޭ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބަޔަކު ރާވައިގެން ދިން ޓެރެރިސްޓް ހަމަލާގެ ވާހަކަ މެމްބަރުންގެ އަޑަށް ބާރުލާފައި ދައްކާ އެކަމާ ކަންބޮޑުވުން ފާޅުކުރާއިރު ރިޔާސީ ލޯންޗްކޮޅުގެ ވާހަކަވެސް ދަންކަން ޖެހޭނެ ކަމަށެވެ.
"މިކަން އަޅުގަނޑު މި ފާހަގަކުރީ އަޅުގަނޑު އެދެން އަޅުގަނޑާ އެކުވެރި އަދި ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް ހަމަ މި ޓޯންގައި ކުއްވެރިކުރާށޭ ރައީސް ޔާމީން ލޯންޗްކޮޅަށް އެ ދިން ހަމަލާވެސް،" ސައީދު ވިދާޅުވިއެވެ.
މުހައްމަދު ސައީދު ވިދާޅުވީ ޓެރެރިޒަމްގެ ހަމަލާ އާ ބެހޭ ބަހުސެއް ކުރިއަށްދާއިރު ރައީސް ޔާމީންގެ ނަންފުޅު، ވާދަވެރިން ފާހަގަ ނުކުރާތީ އެކަމާ ހިތާމަ ކުރައްވާ ކަަމށެވެ.
"މިއީ ބޮޑު ފެއިލިއާއެއްކަން ފާހަގަކޮށް, ދަންނަވަން ބޭނުން މިއަށްވުރެ މާ ނުރައްކާތެރި ހާދިސާއެއް އެއީ. ޕްރެޒިޑެންޓެއްގެ އަމިއްލަ ލޯންޗުގައި ޕްލާންޓް ކޮށްގެން 2015 ވަނަ އަހަރު ބޮމެއް ގޮއްވާލީ،" ސައީދު ވިދާޅުވިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ ސިޔާސީ ވާދަވެރިކަން އުފެދެން ޖެހޭނީ އަދި ނިމެން ޖެހޭނީވެސް ގައުމަށްވުރެ ފަހަތުން ކަމަށާއި ފުރަތަމަ އަންނާނީ ގައުމު ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ތިއްބަވަނިކޮށް އޭގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ހުކުމްވެސް ކުރިއެވެ.
ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ސަރުކާރުން ނޭޝަނަލް އިންކުއަރީ ކޮމިޝަނެއް އުފެއްދިއެވެ. އެ ކޮމިޝަނުގެ ޗެއާމަނަކީ އޭރުގެ ހޯމް މިނިސްޓރ އުމަރު ނަސީރުއެވެ.
ރިޔާސީ ލޯންޗްކޮޅު ވާހަކަ މެމްބަރުން ނުދައްވާތީ ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އިރު ސޯޝަލް މީޑިއާގައިވެސް ބައެއް މީހުން އަންނަނީ މި ސަރުކާރުން ޓެރެރިޒަމްގެ މޫތައް ބުޑުން ލުހެލާނެ ކަމަށް ބުނެ ކުރަންފެށި މަސައްކަތުގައި ރިޔާސީ ލޯންޗްކޮޅަށް ދިން ޓެރެރިސްޓް ހަމަލާގެ ވާހަކަ ނުދައްކާތީ މެމްބަރުންނަށް ފާޑުކިޔަމުންނެވެ.