ބީޖީ އަތުން ބަލިވެ މާޒިޔާ އިތުރު ހާސްކަމެއްގެ ތެރެއަށް

ބިޖީއާއި މާޒިޔާ މިރޭ ބައްދަލުކުރި މެޗަގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ބީޖީ ސްޕޯޓްސް އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ދެވަނަ ބުރުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ ގަދަ ހަތަރަކަށް އެރުމަށް އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗްގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ.

އެންމެ ފަހުގެ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް ވަނީ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުހައްމަދު ޝާދިން ބޮލުން ފޮނުވާލި ބޯޅަ ބީޖީ އޭރިއާ ތެރޭގައިހުރި ޕަބްލޯ ރޮޑްރިގޭޒް އަށް ލިބުމުކުރިން ބިޖީގެ އަހްމަދު ޒުބައިރު ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަސް މިނެޓް ފަހުން އަނެއްކާވެސް މާޒިޔާއަށް ވަނީ ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހަސަން ޝިފާޒް ހުރަސް ކޮށްދިން ބޯޅަ ބީޖީއޭރިއާ ތެރެއިން އެ ޓީމްގެ ކުޅުންތެރިން ދިފާއުކުރި ބޯޅަ ލިބުނީ ހުސްކޮށް ހުރި މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ އަށެވެ. ނަމަވެސް އެބޯޅަވެސް ބީޖީގެ ޑިފެންޑަރުން ވަނީ ކްލިއަރކޮށްލާފައެވެ.

މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގައި ބީޖީއިން އެ މީހުންގެ ކުޅުން ރަނގަޅު ކޮށް މާޒިޔާގެ ގޯލަށް އައީ ނުރައްކާ ކުރަމުންނެވެ.

އެ ގޮތުން ބީޖީގެ އިބްރާހިމް ހަމްދާން މާޒިޔާގެ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަދިޔައީ ސިދާ ކީޕަރާދިމާލަށެވެ. ނަމަވެސް އޭގެ ފަސްމިނެޓް ފަހުން 38 ވަނަ މިނެޓް ގައި މެނުއަލް ޑޭވިޑް ނަގައިދިން ހުރަސް ގޯލްގެތެރެއަށް ފޮނުވާލައިގެން ހަމްދާން ވަނީ ބީޖީއަށް ތިން ޕޮއިންޓް ލިބުނު ލަނޑު ކާމިޔާބް ކޮށްފައެވެ.

އެނަތީޖާއާއެކީ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްފެށިގެން މާޒިޔަގެ އަހްމަދު އިމާޒް ނަގައިދިން ހުރަސް ބީޖީ އޭރިއާ ތެރޭގައި ހުރެ ފުންނާބުން ނާޝިދު ފޮނުވާލިނަމަވެސް އެ ބޯޅަ ވަނީ ބީޖީ ކުޅުންތެރިންގެ ފައިގަ ޖެހި ކޯނަރަކަށް ގޮސްފައެވެ.

އެ މެޗުން މޮޅުވި ބީޖީ ވަނީ 11 ޕޮއިންޓާއި އެކު ހަ ވަނައިގައެވެ. މިރޭގެ މެޗުން ބަލިވި މާޒިޔާ އޮތީ ބީޖީއަށް ވުރެން އެއް ޕޮއިންޓް އިތުރަށް ލިބިގެން 12 ޕޮއިންޓާއި އެކު ފަސްވަނައިގައެވެ. އެއްވަނައިގައި 23 ޕޮއިންޓާއި އެކު ނިއުރޭޑިއަންޓް އޮތް އިރު 18 ޕޮއިންޓާއި އެކު ޓީސީ އޮތީ ދެވަނައިގައެވެ. ވިކްޓަރީ ތިންވަނައިގައި އޮތީ 13 ޕޮއިންޓް ލިބިގެންނެވެ.

comment ކޮމެންޓް