ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކަށް ރައީސް ގެންދެވީ ފިޔަވަޅުއަޅުއްވަމުން: އުމަރު

ފުލުހުންތަކެއް ޖަލްސާއެއްގައި: ފުލުހުންގެ ތެރޭގައި ހުރި މައްސަލަތައް ރައީސަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވި -- ފައިލް ފޮޓޯ

ފުލުހުންގެ މުއައްސަސާގައި މައްސަލަތައް އުޅޭ ކަމުގެ ވާހަކަ އެކި ފަހަރު މަތީން ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރައްވާފައި ވާނެ ކަމަށާއި އަދި އެކަންކަން ހައްލުކުރެއްވުމަށް ރައީސް ޔާމީން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި މައްސަލަތަކެއް އުޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އުމަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި އެފަދަ މައްސަލަތައް އުޅޭތީ އޭރު ކޮމިޝަނާ އޮފް ޕޮލިސް އަކަށް ހުންނެވި ހުސައިން ވަހީދާއި ވެސް ތަފާތު އެކި ފަހަރު މަތީން އެވާހަކަތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ ތެރެއަށް ވަކި މީހެއްގެ ނުފޫޒު ނުފޯރުވޭނެ ގޮތަކަށް ކަންތައްތައް ކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެހެނިހެން ޓޮޕް އެގްޒެކެޓިވްއިންނާ ވެސް ހުންނާނީ މި ވާހަކަތައް ދައްކާފައި. އަދި ރައީސްގެ ސަމާލު ކަމަށް ވެސް ހުންނާނީ ތަފާތު އެކި ފަހަރު މަތީން ގެނެސްފައި. އެކަންކަން އެހެން ހިނގާ ކަމަށް. ދެން އެންމެ ފަހުން އެކަންކަން އެހެން ހިނގާ ނިމި އެއޮތީ އެންމެފަހުން ވަރަށް ގޯސްކޮށް ހިނގާފައި އެ އޮތީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ ވާހަކަތައް އަޑުއިވުނު ނަމަވެސް އޭނާއަށް ފުލުހުންގެ މުއައްސަސާގެ ވެރިންނަށް އަމުރު ކުރުމުގެ ބާރެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެކަހަލަ ކަމެއް އެނގިއްޖެނަމަ އެންމެ ފުރަތަމަ ވެސް ރައީސަށް ދަންނަވަނީ. ރައީސް އަޅުއްވަންޖެހޭ ފިޔަވަޅެއް އެމަނިކުފާނު އަޅުއްވަމުން ގެންދެވީ ވެސް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހާޒިރު ކުރައްވައި އެކަންކަން ރަނގަޅު ކުރައްވަން ވާހަކަފުޅުދެއްކެވާފައި އޮތީ،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއަށް ވަކި މީހެއްގެ ބާރާއި ނުފޫޒު ވަން މައްސަލަ އޭނާ ވަރަށް ގާތުން ބައްލަމުން ދާނެ ކަމަށާއި ދެން އެކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މީގެކުރިން ވެސް އެ މުއައްސަސާއަށް ވަކި މީހެއްގެ ބާރާއި ނުފޫޒު ވަން މައްސަލައިގެ ތަހުގީގެއް ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން" އަށް އިންޓަވިއުދެއްވަނީ: ނައިބު ރައީސް އަދީބު ފުލުހުންގެ މުއައްސަސާއަށް ދިން ޑެމޭޖުން ދެތިން މަސް ތެރޭގައި އަރައިގަންނާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތަހުގީގު ކުރާނަން އިނގޭތޯ ހުރިހާ ކަމެއް ވެސް. ހުރިހާ ކަމެއް ތަހުގީގުކޮށް އެތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންގެ އިދާރައިން އަޅާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، މިހާރު ފުލުހުންގެ އިދާރާ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެހެންނަމަވެސް އެ އުނދަގޫ ހާލަތުން އެ މުއައްސަސާ ނުކުމެގެން އަންނާނީ މާ ވަރުގަދަ އަދި މާ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ކަމަށް ވެސް އުމަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އަކީ މިހާރު ވެސް ޕްރޮފެޝަނަލް މުއައްސަސާއެއް ކަމަށާއި އެހެންނަމަވެސް ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެ މުއައްސަސާ މުޅިން "ޑެމޭޖު" ވެފައިވާ ކަމަށެވެ.

"ނައިބު ރައީސް އަދީބު ފުލުހުންގެ މުއައްސަސާގެ ތެރެއަށް ދީފައިވާ މިވާ ޑެމޭޖުން ގާތްގަނޑަކަށް ދެތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އަރައިގަންނާނެ،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓް މުއައްސަސާއެއް ނޫން ކަމަށާއި ވަކި ބަޔަކު ކުރާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާ އެކަމުގައި ބަދުނާމު ވެގެން ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ކޮރަޕްޓުވެފައި ތިބި މީހުން އަތުން ގުނާލެވޭނެ ކަމަށެވެ. އޭގެ އަދަދު ފަހަކަށް ވުރެއް މައްޗަށް ވެސް ނާރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފިޔަވަޅު އަޅާނަން އިނގޭތޯ ކޮރަޕްޓުވި މީހުންނާއި ދޭތެރޭގައި. އެކަމަކާ އެއްވެސް ސުވާލެއް ނެތް. މުޅި ފުލުހުންނަކީ ކޮރަޕްޓު ބައެއް ނޫން،" އުމަރު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 28ގައި ދިން ހަމަލާއަށް ފަހު، ރައްޔިތުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި، ރައީސް އޮފީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ފުލުހުންނަށް ބޭނުންވާ ރަސްމީ އަދި ނުރަސްމީ ގިނަ ކަންތައްތަކެއް އެކަންކަން ކުރަން އޮން އުސޫލުން ބޭރުން ސީދާ ނައިބު ރައީސް ކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ފައިސާ ދީފައި ހުރި ގޮތް ބަލަން ޖެހޭ ކަމަށާއި އެކަން ކުރިއަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް