'ދަ މެސެޖް' ޕްރޮގްރާމްގެ ބައެއް ތަގުރީރުތައް ދިވެހި ބަހަށް ތަރުޖަމާކޮށް ފޮތެއް ނެރެފި

އިސްލާމިކް މިނިސްޓަރު މިއަދު ފޮތް ނެރެދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ 'ދަ މެސެޖް' ޕްރޮގްރާމްގައި އިނގިރޭސި ބަހުން ބައެއް ބޭފުޅުން ކުރައްވާފައިވާ ތަގުރީރުތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން އެކުލަވައިލި ފޮތެއް މިއަދު ނެރެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއް ފެށުމުގެ ކުރިން އެ ފޮތް ނެރެ ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރާއި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ނައިބު ޑރ. މަޙުމޫދު ޤަދަޙު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާޤިރު ވިދާޅުވީ 'ދަ މެސެޖް' ޕްރޮގްރާމްގައި އެކި އެކި ބޭފުޅުން ވާހަކަ ދައްކަވަނީ އިނގިރޭސި ބަހުން ކަމަށް ވާތީ އެ ވާހަކަފުޅުތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ނެރުމަކީ މިނިސްޓްރީން ވިސްނާފައި އޮތް ކަމެއް ކަމަށެވެ. އަދި އެގޮތުން މިއަދު ނެރުނީ އެފަދަ ފުރަތަމަ ފޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ 'ދަ މެސެޖް' ޕްރޮގްރާމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ބައެއް އިލްމުވެރިންނާއި އިސްލާމްދީނަށް ފަހުން ވަދެފައިވާ ބައެއް މީހުން ވަނީ ތަގުރީރުކޮށްފަ އެވެ.

comment ކޮމެންޓް