މީގެ ފަސް އަހަރު ކުރިން ނިމުނު މަދަނީ ހަނގުރާމައަށް ފަހު އައިވަރީ ކޯސްޓްގައި ބާއްވާ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބަށް ގައުމު ތައްޔާރު ވަމުން އެބަދެއެވެ.
މިހާރުގެ ރައީސް އަލަސާން ވަޓަރާ ވަނީ މިފަހަރުވެސް އިންތިހާބުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ކުރިން ބޭއްވި އިންތިހާބަކާއި ގުޅިގެން ފެށުނު ދެބަސްވުންތަކުގެ ސަބަބުން ގައުމުގެ 3000 ވަރަކަށް މީހުން ވަނީ މަރުވެފައެވެ. ހަމަނުޖެހުން ފެށިގެން ދިޔައީ އޭރުގެ ރައީސް ލުރާން ބަގްބޯ، 2010ގެ އިންތިހާބުގައި އަލަސާން ވަޓަރާ ހޮވުމުން އެ ނަތީޖާ ގަބޫލު ނުކުރުމުންނެވެ.
އައިވަރީ ކޯސްޓްގައި 2011ގައި ހިނގި ތަޅާފޮޅުންތައް ނިމުމުން ބަގްބޯ ވަނީ ހައްޔަރުކޮއްފަ އެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި ހާޒިރު ކުރެވޭނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ސަރުކާރާ ދެކޮޅަށް ވާދަކުރަން އޮތް 10 ކެނޑިޑޭޓުންގެ ތެރެއިން ތިން ކެނޑިޑޭޓުން ވަނީ އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު ޗާލްސް ކޯނަން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މި ކެނޑިޑޭޓުން ތުހުމަތު ކުރާ ގޮތުގައި ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގައި އިކޮނޮމިސްޓަކަށް ހުންނެވި ވަޓަރާ ވަނީ އިންތިހާބުގައި ކާމިޔާބީ ކަށަވަރު ވާގޮތަށް ވޯޓު ބަދަލުކޮށްފައެވެ.
ރައީސް ވަޓަރާ ވަނީ މިކަން ދޮގު ކުރައްވައި ވީހާވެސް ގިނަ މީހުން ވޯޓު ލާން ދިޔުމަށް އެދިވަޑައިގެންފައެވެ.