އައިވަރީ ކޯސްޓްގެ ކުޅުންތެރިންގެ ޔޫނިއަނުން ޑްރޮގްބާ އިސްތިއުފާ ދީފި

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން

މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުރީގެ ޗެލްސީ ފޯވާޑް ޑިޑިއޭ ޑްރަގްބާ އޭނާގެ އުފަން ގައުމު ކަމަށްވާ އައިވަރީ ކޯސްޓްގެ ފުޓްބޯލާސް އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދީފިއެވެ.

ޓްވިޓާ މެދުވެރިކޮށް އައިވަރީ ކޯސްޓްގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ޑްރޮގްބާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ކުޅުންތެރިންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާ (އޭއެފްއައި) އިން ކުޅުންތެރިންނަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށާއި، އެ އެސޯސިއޭޝަނުން ކަންތައް ކުރަމުންދަނީ އެސޯސިއޭޝަނުގެ މަގުސަދުތަކާއި އަސްލުތަކަށް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ކަމަށެވެ.

އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދި ޑްރަގްބާ އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއައިއެފް) ގެ ރައީސް ކަމަށް ކުރިމަތިލުމަށް ކުރި މަސައްކަތް އޭރު ހުއްޓުވީ އޭނާ މިފަހުން އިސްތިއުފާ ދިން އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން އައިވަރީ ކޯސްޓްގެ އެފްއޭގެ ރައީސެއްގެ ގޮތުގައި އޭރު ނެރުނީ ނައިބު ރައީސްގެ ގޮތުގައި ހުރި އިދުރީސް ޑަޔަލޯ އެވެ.

އެ މައްސަލައިގައި ޑްރޮގްބާގެ ނުރުހުން އޭއެފްއައި އަށް އަމާޒުކުރި އިރު، ޑްރޮގްބާގެ ބަދަލުގައި އެހެން މީހަކަށް ކެންޑިޑެސީ ދިނުމުން ފީފާއިން ވަނީ ފިޔަވަޅު އަޅައިފައެވެ.

އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް 2002 ގައި ކުޅެން ފެށި ޑްރަގްބާ އެ ޓީމަށް 2014 ވަނަ އަހަރު ކުޅުން ހުއްޓާލި އިރު އޭނާ ވަނީ އެ ޓީމަށް 105 މެޗުން 65 ގޯލު ޖަހައިދީ ގައުމުގެ ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދައިފަ އެވެ.

އައިވަރީ ކޯސްޓްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީވުމަށް ޑިޑިއޭ ޑްރޮގްބާ ޗެރިޓީއަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ގައުމުގެ ޔުނިވާސިޓީ އަކުން އިސްނަގައިގެން ޑްރޮގްބާއަށް މިފަހުން ވަނީ އޮނަރަރީ ޑިގްރީއެއް ދީފިއެވެ.

ކުރިން ޗެލްސީ އަށް ކުޅެ ބޮޑު މަގުބޫލުކަމެއް ހޯދި އުމުރުން 43 އަހަރުގެ ޑްރޮގްބާއަށް ޑިގްރީއެއް ދިނީ އައިވަރީ ކޯސްޓުގެ ޔުނިވާސިޓީއެއްގެ އިސްނެގުމާ އެކު އެފްރިކާގެ ގިނަ ގައުމުތަކެއްގެ ޔުނިވާސިޓީތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ރުސްޓާގެ ފަރާތުންނެވެ.

comment ކޮމެންޓް