އައިވަރީ ކޯސްޓުގެ އެފްއޭގެ ރައީސް ކަމަށް ޑްރަގްބާ

އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ --- ފޮޓޯ//ގޯލް

މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކުރީގެ ޗެލްސީ ފޯވާޑް ޑިޑިއޭ ޑްރަގްބާ އޭނާގެ އުފަން ގައުމު ކަމަށްވާ އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތި ލައިފި އެވެ.

އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދި ޑްރަގްބާ އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއައިއެފް) ގެ ރައީސް ކަމަށް ކުރިމަތިލުމަށް ރަސްމީކޮށް ބިޑު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާއަށް ތާއީދު ކުރާ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ޑްރަގްބާ އެކަން އިއުލާން ކުރި އިރު އޭނާ ވަނީ އެކަމަށް ޝައުގުވެރިކަން ހުރިކަން މިދިޔަ އަހަރުގެ ތެރޭގައި ފާޅު ކޮށްފަ އެވެ.

ޑްރަގްބާ 42، މި މަގާމަށް ކުރިމަތިލައިފައިވާ އިރު އޭނާ ވާދަކުރަން ޖެހޭނީ މިހާރުގެ ރައީސް ސޮރީ ޑައިބޭޓް އާއި މިހާރުގެ ނައިބު ރައީސް އިދްރީސީ ޑިއާޔޯއާ އެވެ.

ކޮވިޑް-19އާ ގުޅިގެން މީގެ ކުރިން އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބު ފަސްކޮށްފައިވާއިރު، އިންތިހާބު އަންނަ މަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ޑްރަގުބާގެ މަގްބޫލުކަން އައިވަރީ ކޯސްޓުގައި ބޮޑު ނަމަވެސް އޭނާއަށް އެފްއައިއެފްގެ މަގާމު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން (އޭއެފްއައި) އިން ވަނީ ޑްރަގުބާއަށް ތާއީދު ނެތްކަން ހާމަކޮށް އޭނާއާ ދެކޮޅަށް އެންޓި ކެމްޕޭން ކޮށްފަ އެވެ. އެއާއެކު އެ ޖަމިއްޔާއާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ވަނީ ފިޔަވަޅު އަޅާފަ އެވެ.

އަންނަ މަހުގެ އިންތިހާބު ފަސްވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު ޑްރަގުބާ އަދި ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އައިވަރިއަން ލީގުގައި ވާދަކުރާ 14 ކުލަބުގެ ތެރެއިން މަދުވެގެން ތިން ކުލަބަކާއި، ދަށް ޑިވިޝަނެއްގެ ދެ ކުލަބުގެ އިތުރުން، ވަކި އަދަދެއްގެ ކޯޗުންނާއި، މިހާރުގެ ކުޅުންތެރިންގެ އިތުރުން ޑޮކްޓަރުންގެ ނޮމިނޭޝަން ވެސް އޭނާ ބޭނުންވެ އެވެ.

އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް 2002 ގައި ކުޅެން ފެށި ޑްރަގްބާ އެ ޓީމަށް 2014 ވަނަ އަހަރު ކުޅުން ހުއްޓާލި އިރު އޭނާ ވަނީ އެ ޓީމަށް 105 މެޗުން 65 ގޯލު ޖަހައިދީ ގައުމުގެ ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދައިފަ އެވެ.

comment ކޮމެންޓް