އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަމަދޫ ގޮން ކުލިބާލީ ވަނީ އަވަހާރަވެފަ -- ފޮޓޯ: އޭއެފްޕީ

ޔަމުސުކްރޯ (ޖުލައި 9): އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަމަދޫ ގޮން ކުލިބާލީ އިއްޔެ ކެބިނެޓް ބައްދަލުވުމެއްގައި ހުންނަވަނިކޮށް ހާލުކޮޅު ދެރަވެ، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އަވަހާރަވެއްޖެ އެވެ.

އުމުރުން 61 އަހަރުގެ ކުލިބާލީ ވަނީ 2012 ވަނަ އަހަރު ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. އަދި ހިތްޕުޅަށް ހޮޅިކޮޅެއް ލުމަށް މިދިޔަ މެއި މަހު ފްރާންސަށް ވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވީ މި މަހުގެ ދޭއްގަ އެވެ.

އައިވަރީ ކޯސްޓުގެ ރައީސް އަލަސާން ވަޓަރާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ކުލިބާލީ އަވަހާރަވީ އިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި ރައީސް ވަނީ ކުލިބާލީއަކީ އޭނާގެ "ކޮއްކޮއެއް އަދި ދަރިއެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"އަމިއްލަ ގައުމަށް އިންތިހާއަށް ވަފާތެރިވެ، ހިދުމަތްކުރެއްވި އަދި ލޯބިކުރެއްވި ލީޑަރަކަށް އަޅުގަނޑު ސެލިއުޓް ކުރަން،" ކުލިބާލީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަޓަރާ ވިދާޅުވި އެވެ.

ކުލިބާލީ އަވަހާރަވެފައި ވަނީ އައިވަރީ ކޯސްޓުގައި އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އާރުއެޗްޑީޕީގެ ކެންޑިޑޭޓު ކަމަށް އޭނާ އައްޔަންކޮށްފައި ވަނިކޮށެވެ.

ކުލިބާލީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ހަމަޖެއްސީ ރައީސް ވަޓަރާ ތިން ވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށާއި ރައީސް ކަމަށް ވާދަ ކުރަން ކުލިބާލީއަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވުމުންނެވެ.

comment ކޮމެންޓް