އީގަލްސް ބަލިކޮށް ނިއު އިން އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ: ނިއުރޭޑިއަންޓް

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ކްލަބް އީގަލްސްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ނިއުރޭޑިއަންޓްސް ސްޕޯޓްސް ކުލަބް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއުއިންނެވެ. އެ ލަނޑު މެޗުގެ 6 ވަނަ މިނެޓްގައި ވިލިއަމް މެކޯ ދިން ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) ގޯލް އޭރިއާ ތެރޭގައި ހުރެ ފޮނުވާލީ ގޯލްގެ ކަނަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުއަށް ލީޑު ފުޅާކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ހަމްޕު އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެ މެޗުގެ 68 ވަނަ މިނެޓްގައި ނިއުއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ސެންޓޭ ތަނަވަސް ކޮށްދިން ހުސް ފުރުސަތެއްގައި ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މެކޯ އެވެ.

އީގަލްސްގެ ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ. އޭނާ މި ލަނޑު ޖެހީ ނިއުގެ އޭރިއާ ތެރެއިން އެޓީމުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހުގައެވެ.

ނިއު އެއް ވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. މާޒިޔާ ތިން ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި މަހިބަދޫ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. އަދި މިރޭ ކުޅޭނީ ޓީސީ އާއި މާޒިޔާ އެވެ.

comment ކޮމެންޓް