އުރީދޫ- ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި ބީޖީ ކޮޅަށް ފަސް ލަނޑު ޖަހައި 3-5ގެ ނަތީޖާއަކުން ވެލެންސިއާގެ ފުރަތަމަ މެޗުކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.
މިނިވަން 50ގެ ކުޅިވަރުތަކަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކުމުވުން، ވިނަގަނޑު ރަނގަޅު ކުރުމަށް ފަހު ދެވަނަ ބުރުގެ ކުޅުން މިއަދު ވަނީ އަލުން ގަލޮޅު ދަނޑުގައި ފަށައިފަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި ވެލެންސިއާގެ ޔޫސުފް ރަމީޒް ހުރަސް ކޮށްދިން ބޯޅައަކުން ހަންސީ އަވީލޯ ވަނީ އެ ޓީމަށް ލީޑް ނަގައިދީފަ އެވެ.
ވެލެންސިއާ އަށް ލީޑް ފުޅާކޮށްދިން ގޯލް 19 ވަނަ މިނެޓްގައި އަވީލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އަހްމަދު ރިލްވާން ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑް ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބިޖީއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ޑެނިއަލް ފިލެމޮން އެވެ.
ދެވަނަ ހާފްގެ 60 ވަނަ މިނެޓްގައި ވެލެންސިއަށް ލިބިނު ހިލޭޖެހުމެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަހްމަދު ވިޝާމް ވަނީ އެ ޓީމަށް ލީޑް ފުޅާ ކޮށްދީފަ އެވެ. އޭގެ ހަތް މިނެޓް ފަހުން ބީޖީއަށް ލިބުނު ކޯނަރަކުން ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޑެނިއަލް ވަނީ އެ ޓީމަށް ދެވަނަ ގޯލެއް ކާމިޔާބް ކޮށްދީފަ އެވެ.
ވެލެންސިއާގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ މިރްޗޭފް ލަޑިސްލާފް އެވެ. އޭނާ ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ޖެހީ އަބްދުއްރަޝީދު މާހިރު (އަބޫ) ނެގި ހުރަކުން، ބޮލުން ޖަހަ އެވެ. އޭގެ ފަހުން ބީޖީގެ ޑެނިއަލް އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނިކޮށް ވެލެންސިއާގެ ފަސް ވަނަ ލަނޑު މިރްޗޭފް ޖެހީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ.
ލީގުގައި ކުޅުނު އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގައި ވެލެންސިއާ އޮތް އިރު، ކުޅުނު އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ބީޖީ އޮތީ ހަ ވަނައިގަ އެވެ.