ހަ އަހަރުފަހުން ބޭއްވުނު ހަވަނަ ގައުމީ ފިލްމް އެވޯޑުގެ އެންމެ ގިނަ އެވޯޑު ފިލްމު ނިއުމާ ހާސިލް ކުރިއިރު އެންމެ މޮޅު ފިލްމަކަށް ފިލްމު ހެޕީ ބާތުޑޭ ހޮވިއްޖެ އެވެ.
މިރޭ އޮލިމްޕަހުގައި ކުރިއަށް ދިޔަ ގައުމީ ފިލްމު އެވޯޑު ހަފުލާގައި ގިނަ ކެޓަގަރީތަކަކުން ގިނަ ފަރާތްތަކަކުން އެވޯޑު ހާސިލްކޮށްފައިވާއިރު އެންމެ ގިނަ އެވޯޑު ހާސިލް ކުރި ފިލްމު ނިއުމާއަށް ލިބިފައިވަނީ ހަ އެވޯޑެވެ.
ފިލްމް ނިއުމާ
- އެންމެ މޮޅު ޅެން - އާދަމް ހަލީމް އަދުނާން
- އެންމެ މޮޅު ސައުންޑް އެޑިޓިންގް - މުހައްމަދު އިކުރާމް
- އެންމެ މޮޅު މޭކަޕް އާޓިސްޓް - މުހައްމަދު މަނިކު
- އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކް - މުހައްމަދު އިކުރާމް
- އެންމެ މޮޅު ފިރިހެން ސަޕޯޓިންގް އެެކްޓަރު - އަބްދުﷲ މުއާޒް
- އެންމެ މޮޅު އެކްޓަރ - ނިއުމާ މުހައްމަދު
މިރޭގެ ފިލްމް އެވާޑުން އެންމެ މޮޅު ފިލްމަށް ހޮވުނު ފިލްމް ހެޕީ ބާތުޑޭއަށް ލިބިފައި ވަނީ ހަތަރު އެވާޑެވެ. އެންމެ މޮޅު އެޑިޓަރުގެ މަގާމު އެފިލްމުން އަލީ ޝިފާއު ހޯދާފައިވާއިރު، އެންމެ މޮޅު އެކްޓަރުގެ މަގާމު ޔޫސުފް ޝަފީއު (ޔޫއްޕެ) ހޯދާފައި ވަނީ ވެސް ހެޕީ ބާތު ޑޭ އިންނެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް މުއުމިން ފުއާދުއަށް ހަމަ އެފިލްމުން ލިބިފައިވާރު އެންމެ މޮޅު ސްކްރީން ޕްލޭވެސް ލިބިފައިވަނީ ހެޕީ ބާތު ޑޭ އިން މުއުމިން ފުއާދު އަށެވެ.
މިފަހަރުގެ އެވޯޑުގައި ލަވައިގެ ބައިން ހުރިހާ އެވޯޑެއްވެސް ހާސިލް ކުރީ ފިލްމް ޒަލްޒަލާ އެނބުރި އައުމުންނެވެ. އެންމެ މޮޅު ލަވަ، އެންމެ މޮޅު އަންހެން އަދި ފިރިހެން ލަވަކިޔުންތެރިންވެސް ހޮވިފައިވަނީ އެފިލްމުންނެވެ. އެންމެ މޮޅު ލަވައަކަށް ހޮވުނީ ލަވަކިޔުންތެރިޔާ ޝިފާ ތައުފީގުގެ " ބުނާހިތްވޭ " އެލަވަ އެވެ. އަދި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިއަކަށް ޝިފާ ތައުފީގު ހޮވިފައިވާއިރު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ހޮވުނީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޢަނީ (ތޭރަވާ) އެވެ.
މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމް ޔޫސުފް ވެސް ވަނީ މިފަހަރަގެ އެވޯޑުގައި ހަތަރު އެވޯޑެއް އުފުލާލާފަ އެވެ. އެންމެ މޮޅު ކޮރިއޮގްރަފީގެ އެވޯޑު އަދި އެންމެ މޮޅު އާޓު ޑިރެކްޓަރުގެ އެވޯޑު ފިލްމް ޔޫސުފް އިން ނަހުލާއަށް ލިބިފައިވާއިރު، އެންމެ މޮޅު ސިނެމޮޓޯގްރަފާއަކަށް ހޮވިފައިވަނީ އެފިލްމުން އިބްރާހިމް މުހައްމަދު މަނިކުއަށެވެ. އެންމެ މޮޅު ސައުންޑް މިކްސިންގެ މަގާމު ހުސައިން ސުޖާއު ހޯދާފައިވަނީ ފިލްމު ޔޫސުފްއިންނެވެ.
މިފަހަރުގެ އެވޯޑަށް ނޮމިނޭޓްވި ފިލްމުތަކުގެ ތެރެއިން ފިލްމު ފަނާވެސް ވަނީ ދެ އެވޯޑެއް ހާސިލް ކޮށްފަ އެވެ. އެއީ އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑު އެ ފިލްމުން އައިޝަތު ރިޝްމީ އަދި އެންމެ މޮޅު ކޮސްޓިއުން ޑިޒައިނާގެ އެވޯޑެވެ.
ކުރުފިލްމުގެ ބައިން އެންމެ މޮޅު ފިލްމަށް ދެ ފިލްމެއް ވާދަކޮށްފައިވާއިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ މުހައްމަދު އަބްދުﷲ ( މުހައްމާ) ގެ ފިލްމް "ފަގީރުކޮއި" އެވެ.
މިރޭގެ ހަފްލާގައި ފިލްމީ ދާއިރާއަށް ދިގުމުއްދަތެއްގައި ހިދުމަތްކޮށްގެން ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކޮށްފައި ވަނީ އެންމެންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ކެމެރާމަން މުހައްމަދު މަނިކެވެ. މަނިކު މިހާރުވެސް ދަނީ ކެމެރާ ކުރުމުގެ ދާއިރާއިން ހިދުމަތްތަކެއް ކުރަމުންނެވެ.
އޭގެ އިތުރުން އަމިއްލަ ރާގު އުފެއްދައި ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ ބޮޑު އެއްދައުރެއް އަދާކޮށްފައިވާ ޒީރޯ ޑިގްރީ ނާޝިދުއަށްވެސް ވަނީ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.
އެންމެ މޮޅު އެކްޓަރަކީ ނިއުމާ އަދި ޔޫއްޕެ
މީގެ ކުރިން ބާއްވާފައިވާ ގިނަ ފިލްމް އެވޯޑުތަކެއްގައިވެސް މޮޅު އެކްޓަރުގެ މަގާމު ހާސިލްކޮށްފައިވާ ދިވެހި ފިލްމީ ދާއިރާގައި ވިދާލި ދެ ތަރިން ކަމަށްވާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު މިވަނީ މިފަހަރުވެސް އެންމެ މޮޅު އެކްޓަރުގެ މަގާމު ހާސިލްކޮށްފަ އެވެ.
ނިއުމާ ޑައިރެކްޓް ކުރި ފިލްމް "ނިއުމާ" އިން އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބުމުން އެކަމާ އުފާވާކަމަށް ނިއުމާ ވަނީ ބުނެފަ އެވެ. އަދި އެވޯޑަކީ ވަރަށް އުންމީދު ކުރި އެވޯޑެއް ކަމަށްވެސް ނިއުމާ ބުންޏެވެ.
އެންމެ މޮޅު ފިރިހެން އެކްޓަރުގެ މަގާމު ހާސިލްކޮށް ވިދިވިދިގެން ތިން ފަހަރު ގައުމީ ފިލްމް އެވޯޑު ހާސިލް ކުރި ޔޫއްޕެ ބުނީ އެވޯޑު ތިންވަނަ ފަހަރަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް ޔޫއްޕެ ވަނީ އޭނާގެ ފިލްމުތަކަށް ލޯބި ކުރައްވާ ފަރާތްތަކަށް ހިތާމަވެރި ހަބަރެއްވެސް ދީފަ އެވެ. އެއީ ފިލްމީ ދާއިރާއިން ދެން އޭނާގެ ފިލްމެއް ނުފެނިދާނެ ކަމުގެ ހަބަރެވެ.
މިރޭގެ ފިލްމް އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް ހަމަ އެހެންމެ ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ މޫސާ މަނިކު (ރީކޯ މޫސަ) އެވެ. އޭގެއިތުރުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އާއި އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އާއި ޗައިނާގެ ޑިޕްލޮމެޓުންވެސް ވަނީ މިރޭގެ އެ ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ.