އިންޑިއާގެ ނިއު ދިއްލީގައި 1978ވަނަ އަހަރު ދެ މީހަކު ރަހީނުކުރުމަށްފަހު މަރާލި ހާދިސާގެ ވާހަކަ ކިޔައިދޭ ސީރީސްއެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭ އަދި އެކްޓަރު އަލީ ފަޒަލް މުހިއްމު ރޯލްއިން ފެންނާނެ މި ސީރީސް ގެނެސްދޭނީ މަޝްހޫރު "ޕާތަލް ލޮކް" ގެނެސްދިން ޑައިރެކްޓަރު ޕްރޮސިތު ރޯއިއެވެ.
'ރަންގާ-ބިއްލާ'ގެ ނަމުން މަޝްހޫރުކަން ހޯދި މި ހާދިސާ އަކީ ދެ މީހަކު ވެގެން ގީތާ އަދި ސަންޖޭ ނަމަކަށް ކިޔާ އެއްބަނޑު އެއްބަފާ ދެ ކުދިން ރަހީނުކޮށް ފަހުން ރަހުމް ކުޑަގޮތަކަށް މަރާލި ހާދިސާއެވެ.
އެ ދެކުދިން ރަހީނުކުރީ ފައިސާގެ ބޭނުމުގައި ކަމަށްވިޔަސް ރަހީނު ކުރި ދެ މީހުންނަށް އެ ކުދިންގެ ބައްޕައަކީ ފައިސާގެ ގޮތުން މާ ބޮޑު ތަނަވަސްކަމެއް ނެތް މީހެއްކަން އެނގުނު ހިސާބުން އެ ކުދިން މަރާލީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

1978ވަނަ އަހަރު ރަހީނުކުރި ކުޑަ ދެ ކުދިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެ ދެކުދިންގެ ތެރެއިން އަންހެން ކުއްޖާ ގީތާ މަރާލުމުގެ ކުރިން އެ ކުއްޖާއަށް އަނިޔާކޮށް ނުރުހުމުގައި ޖިންސީ ގުޅުން ހިންގި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
މި ހާދިސާގައި ހައްޔަރު ކުރެވުނު ދެ މީހުންނަށް މަރުގެ ހުކުމް އިއްވާ އެ ހުކުމް ތަންފީޒުކޮށްފައި ވަނީ ހައްޔަރުކޮށް މަރުގެ ހުކުމް އެ މީހުންނަށް އިއްވިތާ ހަތަރު އަހަރު ފަހުން 1982ވަނަ އަހަރުއެވެ.
މި ހާދިސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސޮނީ ޓެލެވިޒަންއިން ގެނެސްދޭ 'ކްރައިމް ޕެޓްރޯލް ޑައިލް 100'ގައި އެޕިސޯޑުތަކެއް ވަނީ ދައްކާފައެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަލީ ފަޒަލް އާއި ސޮނާލީ ވަނީ މި ހާދިސާގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީސްގެ މަސައްކަތް ނިއު ދިއްލީގައި ފަށާފައެވެ.
މި ސީރީސްއަށް ވަކި ނަމެއް ދީފައި ނުވާއިރު ބެލުންތެރިންނަށް މި ސީރީސް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.