މާޒިޔާގެ މައްޗަށް ކުރި ހޯދައި އެއްވަނައިގައި އޮވެ ނިއުއިން ފުރަތަމަ ބުރު ނިންމާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ނިއުއާއި މާޒިޔާ ބައްދަލު ކުރި މެޗްގައި ނިއުގެ ގެ މުހައްމަދު ރަޝީދު ބޯޅަހިފައިގެން ދާއިރު މާޒިޔާގެ ޑުންގާ ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ސަން ފޮޓ: ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ލީގު ތާވަލުގެ އެއްވަނައިގައި އޮވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މައިލޯ ޓާފް ދަނޑުގައި ކުރިޔަށް ދިޔަ އެ މެޗް ފެށިގެން ރަނގަޅަށް ކުޅެމުންއައި މާޒިޔާއިން ފުރަތަމަ ހާފްގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށް ނިއުގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މެޗުގެ 17 ވަނަ މިނިޓުގައި މާޒިޔާގެ ސަމްދޫހު މުހައްމަދު ނެގި ކޯނަރަކުން، އަހްމަދު ނާޝިދު (ނާއްޓޭ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ނިއުގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބް ކުރެވޭގޮތެއް ނުވިއެވެ.

ދެވަނަ ހާފްގައި ވެސް މާޒިޔާއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް ވީ މެޗް ގެ 77 ވަނަ މިނެޓްގައި ނިއުރޭޑިއަންޓުން ލަނޑެއް ކާމިޔާބު ކޮށް މެޗް ގެ ލީޑް ނެގުމުވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ ނިއުގެ މުހައްމަދު ރަޝީދު ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރިލްވާން ވަހީދް (ރިލޭ) އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ނިއުއާއި މާޒިޔާ ބައްދަލު ކުރި މެޗްގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) މާޒިޔާގެ ކުޅުންތެރިން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ހަމްދޫން ރިޔާޒް

ނިއުގެ އާ ކޯޗު ނިކޮލާ ކަލަޒޮވިޗްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން އެ މޮޅު ހާއްސަ ކޮށްލާނީ ނިއުގެ މެނޭޖަރު އަލީ ވަހީދުއަށް ކަމަށް މެޗަށްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު ކަލަޒޮވިޗް ވަނީ ބުނެފައެވެ.

"ހަތަރު ޕްރެކްޓިސް އަށް ފަހު މިއަދު ޓީމްގެ ފަރާތުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ. މިއަދުގެ މެޗަކީ ވަރަށް ވަރުގަދަ މެޗެއް. މާޒިޔާގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް. އަހަރެމެން އެކަމު މިއަދު މޮޅު މިވީ. މާޒިޔާ މޮޅުވިނަމަވެސް އަހަރެން ބުނާނަން އެއީ އެ މީހުންނަށް ހައްގު މޮޅެކޭ." ނިއުގެ ކޯޗު ބުންޏެވެ.

ފުރަތަމަ ބުރުގެ ފަހުމެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ، ޓާފް ދަނޑުގައި ކުޅުނު މެޗްތަކުގައި ކުޅުންތެރިއަކަށް ބޮޑު އެންޖަރީއެއް ނުވެ ނިންމާލެވުނީ ރެފްރީން އެ ކަމަށް ދިން ސަމާލުކަމުގެ ސަބަބުން ކަމަށާއި އެހެން ކަމުން މި މުބާރާތުގައި ރެފްރީކަން ކޮށްދެއްވާ ރެފްރީންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މެޗް ފެށިގެން ރަނގަޅަށް ކުޅެ ގޯލެއް ކާމިޔާބު ނުކުރެވި ނިއު މެޗްގެ ތެރެއަށް ރަނގަޅަށް ވަދެ މޮޅުވެގެން އެ ނިންމާލީ،" ނިއު ބަލިކޮށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާއަށް ކާމިޔާބުކޮށްދިން ކޯޗް މިއަދުގެ މެޗާ ބެހޭގޮތުން ބުންޏެވެ.

އެ މޮޅާއެކު ނިއު ތާވަލްގެ އެއްވަނައިގައި ފުރަތަމަ ބުރު ނިންމާލީ 17 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ 14 ޕޮއިންޓާއެކު އޮތް ޓީސީ ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި މާޒިޔާ އޮތީ 12 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި 10 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ. ނުވަ ޕޮއިންޓާއެކު ވިކްޓަރީ ފަސް ވަނައިގައި އޮތްއިރު، ބީޖީ އޮތީ އަށް ޕޮއިންޓާއެކު ހަ ވަނައިގައެވެ. ވެލެންސިއާ ހަ ޕޮއިންޓާއެކު ހަތްވަނައިގައި އޮތްއިރު، އެއް ޕޮއިންޓާއެކު ތާވަލްގެ ފުލުގައި އޮތީ މަހިބަދޫ އެވެ.

ޕްރިމިއަ ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ ހޮނިހިރު ދުވަހަ ފެށޭއިރު ކޮންމެ ދުވަހަކު ވެސް ދެމެޗު ކުޅޭނެ އެވެ. އެގޮތުން މެޗުތަށް ބާއްވާނީ ހަވީރާއި ރޭގަނޑު އެވެ.

comment ކޮމެންޓް