ލޯންޗުކޮޅުގެ ހާދިސާ ތަހުގީގު ކުރުމަށް ކުރީގެ ތަމްރީނުތަކުގެ ބޭނުން ހިފޭ: އުމަރު

ހޯމް މިނިސްޓަރު އަދި ރިޔާސީ ކޮމިޝަން ހިންގެވުން ހަވާލުކުރައްވާފައިވާ އުމަރު ނަސީރު: ލޯންޗުކޮޅުގެ ހާދިސާ ތަހުގީގު ކުރުމަށް އޭނާ ކުރިން ހައްދަވާފައިވާ ތަމްރީނުތައް އެހީތެރިވެދޭ ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ

އިނގިރޭސިވިލާތުގައި މީގެ 23 އަހަރު ކުރިން ހަދާފައިވާ ތަމްރީނުތަކުގެ ސަބަބުން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށް އެހީތެރިކަން ލިބެމުން އަންނަ ކަމަށް ރިޔާސީ ލޯންޗުކޮޅުގެ ތަހުގީގަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގެވުން ހަވާލު ކުރައްވާފައިވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ އިނގިރޭސިވިލާތުގައި އޭނާ ފުރިހަމަ ކުރެއްވި ކްރިމިނަލް އިންވެސްޓިގޭޝަންގެ ރިޕޯޓު އާންމު ކުރައްވާފަ އެވެ. އަދި އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ތަމްރީނުތަކުގެ ފަހު އިމްތިހާނުން އޭނާ 83 ޕަސެންޓު މާކުސް ހޯއްދަވާފައިވާ ކަމަށެވެ. އެ ރިޕޯޓުގައި އުމަރުގެ ވިސްނުން ތޫނު ކަމުގެ މައްޗަށް އަލިއަޅުއްވާލައިފައިވެ އެވެ.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތު އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު މީގެކުރިން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

ހައްޖުގެ އަޅުކަމަށް ފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.

އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށް ފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.

comment ކޮމެންޓް