ފާގަސަން އަށް ޔުނައިޓެޑް ގައި ހެދުނު އެންމެ ބޮޑު ގޯސް!

މެންޗަސްޓާ ޔުނައިޓަޑް ކުޅުނު މެޗެއްގައި އެ ޓީމްގެ އޭރުގު ކޯޗް ފާގަސަން އޮފިސަލުން ކައިރީ ޝަކުވާ ކުރަނީ --- ފޮޓޯ: އިންޑިޕެންޑެންޓް

މެންޗެސްޓާ ޔުނައިޓެޑަށް ކޯޗު ކޮށްދިން އިރު ހެދުނު އެންމެ ބޮޑު ގޯހަކީ ސީޒަންގެ މެދު ތެރެއިން ރިޓަޔާ ކުރަން އުޅޭ ވާހަކަ ދެއްކުން ކަމަށް އެ ޓީމްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފިއެވެ.

އެމެރިކާގެ އީއެސްޕީއެނަށް ދިން އިންޓަވިއު އެއްގައި ފާގަސަން ބުނީ 2002 ވަނަ އަހަރު ސީޒަން ނިމުމުގެ ކުރިން އެނާ ރިޓަޔާ ކުރަން އުޅޭވާހަކަ ދެއްކުމުން އެކަމުގެ ނޭދެވޭ އަސަރު ޓީމްގެ ސްޓާފުންނާއި ކުޅުންތެރިންނަށް ކުރިކަމަށެވެ.

"އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ސީޒަނުގެ މެދުތެރިއިން، އެއީ 2001-2002 ގައި ރިޓަޔާ ކުރަން އުޅޭ ވާހަކަ ދެއްކުން އަދި އެހިސާބުން ގިނަ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ގެ ހިތްވަރު އެލުނު،" ފާގަސަން ބުންޏެވެ.

ފާގަސަން ބުނީ އޭނާ އެ ވިސްނުން ބަދަލުކުރީ ތިން ދަރިންނާއި އަންހެނުން އޭނާއަށް އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ވިސްނައިދިނުމުން ކަމަށެވެ.

"ނަމަވެސް 2002 ވަނަ އަހަރުގެ ޖެނުއަރީގައި އަހަރެން އެ ވިސްނުން ބަދަލުކޮށް ޓީމާ އެކީ ކުރިއަށް ދާން ނިންމިން. ނަމަވެސް އެހިސާބުން އަހަރެން ވިސްނަން ފެށިން ޔުނެއިޓެޑް އަށް ކާމިޔާބީ ހޯދައިދެވޭނެ ގޮތްތަކާއި މެދު،" ފާގަސަން ބުންޏެވެ.

އެގޮތުން ޖެހިގެން އައި ސީޒަންގައި ފާގަސަން ގެ އިރުޝާދުގެ ދަށުން ވަނީ އެ ޓީމަށް މޮޅެތި ކުޅުންތެރިންތަކެއް ގެނަސް އެ އަހަރުގެ ލީގްއާއި ކޮމިއުނިޓީ ޝީލްޑް އަދި 04-2003 ސީޒަންގެ އެފްއޭ ކަޕް ހޯދައިދީ ފައެވެ.

ފާގަސަން ޔުނައިޓެޑާ ގުޅުނީ 1986 ވަނަ އަހަރުއެވެ. އަދި 2013 ވަނަ އަހަރު ފާގަސަން ރިޓަޔާ ކުރުމުގެ ކުރިން އެޓީމަށް ވަނީ 38 ޓޮރޮފީ ހޯދައިދީފައެވެ.

comment ކޮމެންޓް