ވަގުތީ އުފަލަކުން ދުވަހަކުވެސް ފުރިހަމަ ހިތް ހަމަޖެހުމެއް ނުލިބޭނެ: ސާދު ތަސްލީމް

ޔޫތު ފޯރަމް އެއްގައި މާލޭގައި ސާދު ތަސްލީމް ތަގުރީރު ކުރައްވަނީ--- ފޮޓޯ: ދަ މެސެޖް

ވަގުތީ އުފާވެރި ކަމަކީ މީހާ ދުވަހަކުވެސް ފުރިހަމަ އަށް ހިތްހަމަ ޖައްސައިދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާގެ މަޝްހޫރު ދާޢީ ސާދު ތަސްލީމް ތަގުރީރު ކުރައްވައިފި އެވެ.

ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށް "ދަ މެސެޖް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އިސްލާމިކް މަރުކަޒުގައި މިރޭ ކުރެއްވި ތަގުރީރުގައި ސާދު ވިދާޅުވީ ދުނިޔޭގެ އުފާވެރިކަން ހޯދަން އުޅޭ މީހާގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ ކަމަށެވެ. އަދި މިހާރު އެމީހަކަށް މިންވަރުކޮށްފައިވާ ވަރަށްވުރެ މޮޅުގޮތެއް ހޯދަން އެފަދަ މީހުން އަބަދުވެސް އުޅޭނެ ކަމަށް ސާދު ވިދާޅުވިއެވެ.

"އަހަރެމެން ހަޔާތުގައި އަބަދުވެސް އަންނާނެ ވަރަށް ދުނިޔެވީ އެއްޗެއް ބޭނުންވާ ދަނޑިވަޅުތައް. އެކަމު ދުނިޔެވީ އުފަލަށް އުޅޭ މީހުންނަކަށް ދުވަހަކަވެސް ހިތް ފުރޭ ވަރެއް ނުވާނެ. މިސާލަކަށް އެންމެ ފަހުން ނުކުތް އައިފޯން ސިކްސް އެސް އެންމެ ފަހުން ނުކުތީ. އެ ބޭނުން ވެއްޖެ. ހިތަށް އަރާނެ އެ ގަތީމަ ދެން ނިމުނީއޭ. އެއަށްފަހު ހިތް ހަމަ ޖެހުނީ އޭ. އެކަމުން ހިތް ހަމަ ޖެހެނީ ހިނދުކޮޅަކަށް. އެއަށްފަހު އެއަށްވުރެ ފަހުގެ ފޯނެއް ބޭނުންވާނެ،" އޭނާ ވިދާޅުވިއެވެ.

ވަގުތީ އުފާވެރިކަން ބޭނުންވާ މީހުން އުޅޭނީ އަބަދުވެސް ދުނިޔޭގެ އުފާވެރިކަމުގެ ފަހަތުން ކަމަށްވި ނަމަވެސް ދާއިމީ އުފާވެރިކަން ހޯދުމަށް މަސައްކަތް ކުރާމީހުން މަސައްކަތް ކުރާނީ އާހިރަތުގެ ނަތީޖާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އުފާވެރިކަމާއި އާހިތަރުގެ އުފާވެެރި ކަން ހޯދަން އުޅޭ މީހުންނާ މެދު ތަފާތުވަނީ ތަގުވާވެރި ގޮތުން ކަމަށެވެ.

"ހުރިހާ އެންމެންނަކީ ވެސް ހަމަ އެއް ހަމައެއްގެ ބައެއް. މާތް ﷲ ގެ އަރިހުގައި ދޮން މީހެއް އަދި ކަޅު މީހެއް ނުވަތަ މުއްސަނދި މީހަކާއި ފަގީރު މީހަކާ އެއްވެސް ތަފާތެއް ނުވޭ. އެމީހުންގެ އެ ސިފަތަކާ ގުޅިގެން ވަކި މީހަކު އަނެކަކަށްވުރެ މާތް ވެގެނެއް ނުވޭ. އެހެން ނަމަވެސް މީހުން ތަފާތު ވަނީ އެމީހެއްގެ ތަގުވާވެރިކަން ހުންނަ ވަރަކުން،" ސާދު ވިދާޅުވިއެވެ.

ދުނިޔެމަތީގައި ކޮންމެ އިންސާނަކުވެސް ދުނިޔެވީ އެދުމެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުނިޔެވީ އެދުމުގެ ސަބަބުން އުފާ ލިބުނަސް އެކަންތައްތަކަކީ ވަގުތީ އުފަލެއް ކަމަށް ސާދު ވިދާޅުވިއެވެ. ސާދު ވިދާޅުވީ މާތް ﷲގެ މަގުގައި އެފަދަ އުފާތަކާ ދުރުވެ ތިބެން ޖެހޭނެ ކަމަށެވެ.

ދަ މެސެޖްގެ ނަމުގައި ކުރިއަށް ގެންދިޔަ ނުވަ ވަނަ ޕްރޮގްރާމްގައި މިރޭ މާލޭގައި ތަގުރީރު ކުރައްވާފައިވާއިރު އައްޑޫގައިވެސް އޭނާ ތަގުރީރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް