އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް 5 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ފޮނުއްވައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީނު މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، އައްޑޫސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ގުލިސްތާނުގެ ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދު އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އާއި މާފަންނު ހަވާއީ މަރްޔަމް ޒީނިޔާ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ފަސް ބޭފުޅެއްގެ ނަންފުޅު ރައީސް ޔާމީނު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު އެމަނިކުފާނު އިއްޔެ ވަނީ ޕޮލިސް އިންޓަގުރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓަގުރިޓީ ކޮމިޝަނު އުވާލާ އެންއައިސީ އުފައްދަވާފަ އެވެ.

ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް