އަންނަ މަހު ރާއްޖޭގައި ރަސްމީކޮށް އައިފޯން 6 އެސް އަދި 6 އެސް ޕްލަސް ލޯންޗްކުރަން އައިފޯނު އުފައްދާ ކުންފުނި އެޕަލް އިން ނިންމައިފި އެވެ. އެޕަލް އިން މިރޭ ނެރުނު ޕްރެސް ރިލީސް އެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ލޯންޗް ކުރާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.
އައިފޯނު ރާއްޖޭގައި ރަސްމީ ކޮށް ފުރަތަމަ ފަހަރަށް ލޯންޗް ކުރާ އިރު، ރާއްޖޭގެ "އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓް" އަކަށް އެޕަލް އިން ހަމަޖައްސާފައި ވަނީ ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށް މައުލޫމާތު ލިބެ އެވެ. ރާއްޖޭގައި އައިއޯއެސް ގެ އުފެއްދުންތައް ރީސެލް ކުރާ ފަރާތްތަކަށް ދޫކުރާނީ ޑިސްޓްރިބިއުޓާ މެދުވެރިކޮށެވެ. އަދި ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރާނެ އަގުތައް ކަނޑައަޅާނީ ސީދާ އެޕަލް އިންނެވެ.
އެޕަލް އިން މިރޭ ނެރުނު ސްޓޭޓްމެންޓުގައި ބުނެފައިވާ ގޮތުގައި، އަައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ގެ ދެވަނަ ލޯންޗިންގައި ރާއްޖެ ހިމެނޭ އިރު، މި ބުރުގައި އެކު ޖުމުލަ ހިމެނެނީ 40 ގައުމެވެ. ސަރަހައްދީ ބޮޑެތި ބައެއް ގައުމު ތަކަށް ބަލާ އިރު އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާ މި ފަހަރުގެ ލިސްޓުގައެއް ނުހިމެނެ އެވެ. އިންޑިއާ އަދި މެލޭޝިއާގައި ރަސްމީކޮށް ލޯންޗް ކުރަނީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. ޑުބާއީ އަދި ޤަތަރުގައި ލޯންޗް ކުރަނީ އަންނަ މަހު 10 ގައެވެ.
މި މަހުގެ 25 ވަނަ ދުވަހު އެޕަލް އިން އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ބާޒާރަށް ނެރުނު ފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ފޯނު ވަނީ ވިއްކައިފަ އެވެ.
އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އެޕަލް އިން ފުރަތަމަ ލޯންޗް ކުރީ 12 ގައުމެއްގަ އެވެ. އެ ގައުމުތަކުން ފޯނު ގަނެގެން ގެނެސް ރާއްޖޭގެ މާކެޓުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ މީގެ ދެ ދުވަސް ކުރީއްސުރެ ފެށިގެން އެ ފޯނުތައް ވިއްކަމުންނެވެ.
އެޕަލްގެ އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓެއް ރާއްޖެއަށް މި ހަމަޖެއްސީ ރާއްޖެ އަކީ މި ސަރަހައްދަށް ބަލާ އިރު ޓޫރިޒަމްގެ ދާއިރާއިން ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމަކަށް ވުމުގެ އިތުރުން އާބާދީގެ ނިސްބަތުން އައިފޯނު ބޭނުންކުރާ މީހުންގެ އަދަދު ވެސް ގިނަ ގައުމަކަށް ވާތީ އެވެ.