އެޕަލް ކުންފުނީގެ އައިފޯނަށް 20 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 20 ޕްރޯގެ ލިމިޓެޑް އެޑިޝަން ސެރަމިކް މޮޑެލެއް ނެރުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ލީކުކުރާ ފަރާތްތަކުން ބުނެފިއެވެ.
ޗައިނާގެ ޓެކްނޮލޮޖީ ލީކުކުރާ ފަރާތެއް ކަމަށްވާ ފިކްސްޑް ފޯކަސް ޑިޖިޓަލްއާ ހަވާލާދީ މެކްރުމާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލްގެ 20 ވަނަ އަހަރީ އައިފޯނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ސެރަމިކް ބައިތަކެއް ވަނީ ފެނިފައެވެ. މި ބައިތައް އުފައްދާފައިވަނީ މަދު އަދަދަކަށް ކަމަށްވާތީ، މިއީ އައިފޯން 20 ޕްރޯގެ ޚާއްޞަ އެޑިޝަނަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އިންޖިނިއަރިންގ ވެލިޑޭޝަން ޓެސްޓިން (އީވީޓީ) އިން ފާސްވެއްޖެނަމަ މި ފޯނު ގިނަ އަދަދަކަށް އުފައްދަން ފަށާނެ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
ސެރަމިކް ބޭނުންކުރާނީ ފޯނުގެ ކޮން ބައެއްގައި ކަމެއް އަދި ސާފުނުވި ނަމަވެސް، އެޕަލްއިން މީގެ ކުރިންވެސް އެޕަލް ވޮޗްގެ ބައެއް މޮޑެލްތަކުގެ ބޭރު ފަށަލައިގައި ސެރަމިކް ބޭނުންކޮށްފައިވެއެވެ. މިއީ މިހާރު އައިފޯނުތަކުގައި ބޭނުންކުރާ ބިއްލޫރީގެ ބާވަތެއް ކަމަށްވާ ސެރަމިކް ޝީލްޑާ ތަފާތު މެޓީރިއަލްއެކެވެ.
މި ފޯނުގެ މައި ކެމެރާ ސެންސަރަށް އާ 17 ނެނޯމީޓަރުގެ ލޮޖިކް ޕްރޮސެސްއެއް ބޭނުންކުރާނެ ކަމަށް ރިޕޯޓްތައް ބުނޭ ---މި އަހަރީ އައިފޯނުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު، ހަތަރު ފަރާތުން ލެނބިފައިވާ ކުއަޑް-ކާވްޑް ޑިސްޕްލޭއަކާއި ޓައިޓޭނިއަމް ފްރޭމެއް މި ފޯނުގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޑިޒައިން ފުރިހަމަކުރުމަށް އެޕަލްއިން ގާތްގަނޑަކަށް ތިން އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ކަމަށާއި، ފޯނުގެ ހަތަރު ޕްރޮޓޯޓައިޕެއް މިހާރު ޓެސްޓުކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފޯނުގެ ހާޑްވެއާ އަދި ބަޓަންތަކަށް ގެންނަ ބަދަލުތަކަށް ބަލާއިރު، މައި ކެމެރާ ސެންސަރަށް އާ 17 ނެނޯމީޓަރުގެ ލޮޖިކް ޕްރޮސެސްއެއް ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މިހާރު ފޯނުތަކުގައި ހުންނަ ވަކި އެކްޝަން ބަޓަން އުނިކުރުމަށްފަހު، އޭގެ މަސައްކަތްތައް ކެމެރާ ކޮންޓްރޯލް ބަޓަނަށް ބަދަލުކުރުމަށް އެޕަލްއިން ރާވަމުންދާ ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
އެޕަލް ކުންފުނިން މި ފޯނަށް ކިޔާނެ ރަސްމީ ނަމެއް އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އައިފޯން 20 ޕްރޯގެ ނަމުގައި މި ފޯނު ނެރޭނީ 2027 ވަނަ އަހަރުގެ ދެވަނަ ބައިގެ ތެރޭގައި ކަމަށް ބެލެވެއެވެ.