އައިފޯނުގެ ކެމެރާއަކީ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ފޮޓޯ ނެގުމަށް ބޭނުންކުރާ އެޕްލިކޭޝަނެއް ނަމަވެސް، އޭގައި ފޮޓޯ ނެގުމުގެ އިތުރުން ދިރިއުޅުމުގެ އެކި ކަންކަމަށް ފަސޭހަވާނެ ގިނަ ފީޗާތަކެއް އެކުލެވިގެންވެއެވެ.
އެގޮތުން، ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު ނުވަތަ ނޭނގޭ ބަހަކުން ލިޔެފައިވާ ލިޔުމެއް ފެނިއްޖެނަމަ، ކެމެރާގެ "ލައިވް ޓެކްސްޓް" ފީޗާ ބޭނުންކޮށްގެން އެ ލިޔުމެއް ތަރުޖަމާކޮށްލެވެއެވެ. މިކަން ކުރުމަށްޓަކައި ފޯނުގެ ސެޓިންގްސްއިން ލައިވް ޓެކްސްޓް އޮންކޮށްފައި ބެހެއްޓުމަށްފަހު، ލިޔުމަށް ކެމެރާ ދިއްކޮށްލުމުން ފެންނަ ރީނދޫ ފްރޭމްގެ ތިރީ ކަނާތްފަރާތުގައިވާ ލައިވް ޓެކްސްޓް ބަޓަނަށް ފިތާލުމަށްފަހު 'ޓްރާންސްލޭޓް' ޚިޔާރުކުރެވޭނެއެވެ. މީގެ އިތުރުން، ފައިސާގެ އަގުތައް އެހެން ކަރަންސީތަކަށް ބަދަލުކުރުމަށާއި، މިންތައް (ޔުނިޓްސް އޮފް މެޝަމަންޓް) ބަދަލުކުރުމަށްވެސް މި ފީޗާ ބޭނުންކުރެވެއެވެ.
ލައިވް ޓެކްސްޓް މެދުވެރިކޮށް ފޯނު ނަންބަރުތަކަށް ގުޅުމާއި ވެބްސައިޓްތަކަށް ވަނުމަކީވެސް ވަރަށް ފަސޭހަ ކަމެކެވެ. ފޯނު ނަންބަރަކަށް ނުވަތަ ވެބްސައިޓް ލިންކަކަށް ކެމެރާ ދިއްކޮށްލުމަށްފަހު ލައިވް ޓެކްސްޓް އައިކަންއަށް ފިތާލުމުން، ނަންބަރު ޓައިޕްކުރުމުގެ ބަދަލުގައި ސީދާ އެ ނަންބަރަކަށް ގުޅާލެވޭނެއެވެ. އަދި ކިއުއާރު ކޯޑު ސްކޭންކޮށްގެން ލިންކްތަކަށް ވަނުމުގެ ޚިދުމަތްވެސް ކެމެރާއިން ލިބެއެވެ.
ދުރުގައި ހުންނަ އެއްޗެހި ސާފުކޮށް ބެލުމަށް ނުވަތަ އައިނު ނެތް ވަގުތުތަކުގައި ކުދި އަކުރުތައް ކިޔުމަށްޓަކައި އައިފޯނުގެ ކެމެރާ ބޮޑުކުރާ ބިއްލޫރިގަނޑެއްގެ (މެގްނިފައިންގް ގްލާސްއެއްގެ) ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. ކެމެރާގައި ހުންނަ ޑިޖިޓަލް ޒޫމް ޕްރީސެޓްތަކުގެ އިތުރުން، ސްކްރީނުގައި ދެ އިނގިލިން ދަމާލައިގެން ނުވަތަ ޒޫމް ބަޓަނަށް އޮބަހައްޓައިގެން ވާތްފަރާތަށް ދަމާލުމުން އިތުރަށް ޒޫމްކޮށްލެވެއެވެ.
އައިފޯން ކެމެރާ އަކީ ސާފުކޮށް ފޮޓޯ ނެގުމުގެ އިތުރުން ދިރިއުޅުމުގެ ގިނަ ބޭނުންތައް ފުއްދައިދޭ ވަސީލަތެއް ---ވީޑިއޯ ކުރުމުގައިވެސް އައިފޯނުގެ ކެމެރާގައި ޒަމާނީ ފީޗާތަކެއް ހިމެނެއެވެ. އައިފޯން 14 އަދި އޭގެ ފަހުގެ މޮޑެލްތަކުގައި ހިމެނޭ "އެކްޝަން މޯޑް" އަކީ ގިމްބަލްއެއް ފަދަ އާލާތަކާ ނުލައި އަތުން ފޯނު ހިފަހައްޓައިގެން ހިނގާފައި ނުވަތަ ދުވެފައި ވީޑިއޯ ކުރާއިރު މަންޒަރު ތެޅުން ކުޑަކޮށްދޭ ފީޗާއެކެވެ. އަލިގަދަ ތަންތަނުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ މި ފީޗާ، ވީޑިއޯ މޯޑަށް ލުމަށްފަހު ތިރީ ކަނާތްފަރާތުގައި ހުންނަ ހަ ތިކި ޖެހި ބަޓަނަށް ފިތާލުމުން ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން، އައިފޯން 13 މިނީ އިން ފެށިގެން މަތީގެ މޮޑެލްތަކުގައި ހިމެނޭ "ސިނެމެޓިކް މޯޑް" ބޭނުންކޮށްގެން ވީޑިއޯތަކަށް ޕްރޮފެޝަނަލް ގޮތެއް ގެނެސްދެއެވެ. މި ފީޗާގެ އެހީގައި ވީޑިއޯއަށް އަރާ މީހާ ނުވަތަ އެއްޗެއް ސާފުކޮށް ބަހައްޓައި، ފަހަތުގެ މަންޒަރު ފުސްކޮށްލެވެއެވެ. އަދި ވީޑިއޯ ކުރާ މީހާ ހަރަކާތްކުރި ނަމަވެސް ފޯކަސް ހިފަހައްޓައިދިނުމާއި، އާ މީހަކު ފެނުމުން އޮޓޮމެޓިކުން ފޯކަސް ބަދަލުކޮށްދިނުމުގެ އިތުރުން، ވީޑިއޯ ކުރަމުންދާއިރު އަމިއްލައަށް ފޯކަސް ބަދަލުކުރުމުގެ އިޚްތިޔާރުވެސް މި މޯޑުން ލިބިދެއެވެ.