ކެލާ އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ނައިބު ރައީސް އަހުމަދު އަދީބު މިއަދު ހއ ކެލަޔަށް ވަޑައިގެނެވުން -- ފޮޓޯ -- ރައީސްއޮފީސް

ކެލާ އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އިފްތިތާހުކޮށްދެއްވައިފި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ކެލާގައި 500 އެނދު ތަރައްގީކުރާނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން 500 ވަޒީފާ އުފެދޭނެ އެވެ.

އެ ޕްރޮޖެކްޓް އިފްތިތާހިކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ޔާމިން ކެލާއަށް ވަަރަށް އިސްކަމެއް ދެއްވާ ކަމަށެވެ.

ކެލާގައި އަލަށް ފަށާ އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް މެދު ފަންތީގެ އިންވެސްޓަރުން ވަަރަށް ބޮޑަށް ޝައުގުވެރިވާނެ ކަަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އިންވެސްޓަރުންނާއެކު މިއަދު ވާހަކަދައްކަވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ވެބްސައިޓްގައި ވެސް އެ ޕްރޮޖެކްޓްގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އެ ޕްރޮޖެކްޓް ތަރައްގީވެގެންދާނީ ވަރަށް ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއި އެކު ކަމަށް އަދީބު ވިދާޅުވިއެވެ.

" ކެލާ ތުނޑި އަކީ ވަރަށް ގިނަ ބޭފުޅުން އަދި ޚާއްސަކޮށް މެދު ފަންތީގެ ޓޫރިޒަމް އަށް ވަންނަށް ބޭނުންވާ ވަރަށް ގިނަ ބޭފުޅުން ވަރަށް ޝައުގުވެރިވާ ވާ ތުނޑިއެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ފައްޓައިފި ޕްރޮޖެކްޓެއް ހުއްޓައިނުލާނެ ކަަމަށް އަދީބު ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ކެލާގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ކެލާގެ ރައްޔިތުންނަށް ދެއްވިއެވެ.

އެ ޕްރޮޖެކްޓް ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށްޓަކައި ނަރުދަމާ އާއި ބަނދަރަކީ ވަރަށް މުހިއްމު ކަންތައްތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

" މިހާރު ނަރުދަމާ އާއި ފެނުގެ މަސައްކަތް އެދަނީ ހިނގަމުން، ބަނދަރުގެ މަސައްކަތް އެއޮތީ އަޅުގަނޑުމެން ބަޖެޓްކޮށް ނިންމައި އެވޯޑްކޮށް ހުރިހާ ކަމެއް ނިންމާފައި، އެބޭފުޅުންގެ މޮބިލައިޒޭޝަންގެ މަސައްކަތް އެ ފައްޓަނީ،" ނައިބު ރައީސް ވިދާޅުވެއެވެ.

ކެލާ ދާއިރާގެ ތަރައްގީ އަށްޓަކައި އެ ދާއިރާގެ މެމްބަރު އަލީ އާރިފް ގުރުބާނީތައްވާ ކަމަށް ވިދާޅުވެ އަދީބު ވަނީ އަލި އާރިފަށް ޝުކުރު ދަންނަވާފައެވެ.

ކެލާއިން ހޫނު މަރުހަބާއެއް ދަންނާވާފައިވާތީ އެކަމަށް ވެސް އަދީބު ވަނީ ޝުކުރު ދަންނަވާފައެވެ.

ނައިބު ރައީސް އަހުމަދު އަދީބު ވަނީ، ކެލާގައި ހުޅުވާ ފުރަތަމަ ގެސްޓްހައުސް ވެސް މިއަދު ހުޅުވާ ދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ނައިބު ރައީސަކީ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ނައިބު ރައީސް އަށް ކެލާއިން ދެންނެވި ހޫނު މަރުހަބާ ދަންނަވާފައި ވަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫން ކަަމަށެވެ.

" އެއީ ކެލާގެ އިއްޒަތްތެރި ރައްޔިތުން،" އަލީ އާރިފް ވިދާޅުވިއެވެ.

" އަޅުގަނޑުދެންނެވިން މި ސަރުކާރުގައި އަޅުގަނޑު ޖަހާ ޓަކީގައި އަޑު ހުންނާނޭ. އެކަމުގެ ނަތީޖާ މި ދަނީ ފެންނަމުން،" އަލީ އާރިފް ވިދާޅުވިއެވެ.

އަދި ފާއިތުވި 20 މަސްދުވަހު ކެލާއަށް ވަރަށް ބޮޑު ތަރައްގީ އެއް އައިސްފައިވާ ކަމަަށާއި އެކަމަށްޓަަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ނައިބު ރައީސް އަހުމަދު އަދީބަށް ޝުކުރު ދެންނެވިއެވެ.

އަލީ އާރިފް ވިދާޅުވީ، އެއްމެ ހަރުކަށިކޮށް ފާޑުކިޔާ މީހެއް ވެސް ނައިބު ރައީސާއި ބެހޭ ގޮތުން ދަންނަވަން އޮންނާނީ " ނޫނޭ އެއީީ ގަދަ ގޮލައެއް" ކަމަށެވެ.

އަދި ގައުމުގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކޮންމެ މަސައްކަތެއްގައި ނައިބު ރައީސްގެ ދައުރު ވަރަށް ބޮޑު ކަމަށްވެސް އަލީ އާރިފު ވިދާޅުވިއެވެ.

comment ކޮމެންޓް