ގުއަންޓަނާމޯބޭ ޖަލުގައި ހުރި ބިންލާދިންގެ ބޮޑީ ގާޑަކު ސައުދީ އަށް ބަދަލުކޮށްފި

ކިއުބާގައި ހުން ގުއަންޓަނާމޯ ބޭ ޖަލު --

އެމެރިކާއިން އެންމެ ނުރައްކާތެރި ކުށްވެރިން ކަމަށް ބަލާ މީހުން ބައިތިއްބާ ޖަލު، ގުއަންޓަނާމޯ ބޭގައި ހުރި ބިންލާދިންގެ ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަބްދުލް ޝަލަބީ ،39، ސައުދީ އަރަބިއާގެ ޖަލަކަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެފިއެވެ.

ޕެންޓަގަން އާއި ހަވާލީދީ ސީއެންއެން އިން ބުނެފައިވަނީ އަބްދުލް ޝަލަބީ އަކީ މީގެ ކުރިން ބިންލާދިންގެ ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2001 ވަނަ އަަހަރު ޕާކިސްތާނުން ނެވެ.

އޭނާ ސައުދީ އަށް ބަދަލުކޮށްފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގުއަންޓަނާމޯ ބޭ ބަންދުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކަަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.

މިއީ މި ހަފްތާތެރޭގަ އެކަނި ވެސް އެ ޖަލުން އެހެންތަނަކަށް ބަދަލުކުރި ދެވަނަ ގައިދީއެވެ. މި ހަފްތާގައި ދެން ބަދަލުކުރި ގައިދީ ބަދަލުކޮށްފައި ވަނީ މޮރޮކޯއަށެވެ. ގައިދީންނަށް ލާއިންސާނީ އަދި ވަރަށް ދަށު ދަރަޖަައިގެ އަނިޔާ ދީގެން އެމެރިކާ އަގު ވެއްޓުނު އެ ޖަލުގައި މިހާރު ތިބީ 114 ގައިދީންނެވެ.

" ގުއަންޓަނާމޯ ބޭ ބަންދުކުުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގައި ސައުދީ އަރަބިއާ އިން ދެމުންދާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިކަމާއި ގުޅިގެން އެމެރިކާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ބާކީ ތިބި ގައިދީންގެ ތެރެއިން ބައެއް ގައިދީން އެހެން ގައުމުތަކަށް ބަދަލުކުރާނެ ކަމަށާއި އަދި ބައެއް މީހުން އެމެރިކާގެ ޖަލުތަކަށް ބަދަލުކުރާނެ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމަކީ 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އޮބާމާ ވި ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީން ދަނީ ކޮންގްރެސްގައި އެކަމަށް ދެކޮޅު ހަދަމުންނެވެ. އެމީހުން ބުނަނީ ޓެރަރިސްޓުން އެމެރިކާ ޖަލަށް ގެނައުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް