ގައުމީ ޓީމްގެ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ކުޅެމުންދާ ކޭބީޒެޑް އެފްސީއިން މެގްވާއާ ދެކޮޅަށް އިއްޔަ ކުޅުނު މެޗް 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައި މިޔަންމާ ނެޝަނަލް ލީގްގެ ތިންވަނައަށް ޖެހިލައިފި އެވެ.
އިއްޔަގެ މެޗަށް ނިކުތް އިރު 30 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތް މެގްވާ އިއްޔަގެ މެޗުން ބަލިވުމުން ވަނީ ތާވަލްގެ ހަތަރުވަނައަށް ވެއްޓިފަ އެވެ.
އިއްޔަގެ މެޗުން މޮޅުވުމުން ކޭބީޒެޑް ލީގްގެ ތިން ވަނައިގައި އޮތީ މެގްވާއަށް ވުރެ އިތުރަށް އެއް ޕޮއޮންޓް ހޯދައިގެން 31 ޕޮއިންޓާ އެކު އެވެ.
ލީގްގެ އެއްވަނައިގައި 46 ޕޮއިންޓާ އެކު އޮތީ ޔަންގޮން ޔުނައިޓަޑެވެ. ދެ ވަނައިގައި ކޭބީޒެޑަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެން 33 ޕޮއިންޓާ އެކު އޮތީ ޔަދަނާބޮން އެވެ. އެޓީމުން އިއްޔަ ވަނީ އެއްވަނައިގައި އޮތް ޔޮންގޮން ޔުނައިޓަޑްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފަ އެވެ.
އިއްޔެ ކުޅުނު މެޗްގައި ކޭބީޒެޑްގެ ފުރަތަމަ ލަނޑު މެޗް ފެށިގެ ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޯޖީ އެވެ.
މެގްވާއިން އެއްވަރު ކުރި ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަންދަ ކިޔޯއެވެ.
ނަމަވެސް އޭގެ ހަ މިނެޓްފަހުން މެޗްގެ 28 ވަނަ މިނެޓްގައި ފޯލަން ވަނީ ކޭބީޒެޑަށް އަލުން ލީޑް ނަގައިދީފައެވެ.
ކޭބީޒެޑް ދެން ކުޅޭ މެޗްގައި މިއަންނަ ބްރާސްފަތި ދުވަހު ބައްދަލު ކުރާނީ ލީގްގެ ދިހަ ވަނައިގައި އޮތް ޒްވެކާޕިން ޔުނަިޓަޑާ ދެކޮޅާށެވެ.