ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރު ގަތަރުގައި ކުރަމުންދާ ކޭމްޕްހާ އިންތިޒާމު ރަނގަޅު ޓްރެއިނިން ކޭމްޕެއްގައި މީގެ ކުުރިން އޭނާ ބައިވެރި ނުވާ ކަމަށް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.
ބަކާ މިހެން ބުނީ ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި، ގައުމީ ޓީމު ގަތަރުގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އަލް މަރްޚިހާ ސްޕޯޓްސް ކްލަބު އަތުން 4-3 ގެ ނަތީޖާއިން މޮޅުވި މެޗަށް ފަހު އެވެ.
"ދެ އަހަރަށް ފަހު މިވަރު ޓްރެއިނިން އަކަށް މި އަންނަނީ. އަނެއްހެން ބުނަންޏާ މިހާވަރަށް އޯގަނައިޒްކޮށް އަދި ޓްރެއިނިންއެއް ނުވެސްދޭ. ވަަރަށް ރަނގަޅަށް ކެއުމާ ހުރިހާ އެއްޗެއް ދޭއިރު ޕްރެކްޓިސް މިދަނީ ވަރަށް ރަނގަޅަށޭ ބުނެވޭނީ." ބަކާ ބުންޏެވެ.
ރޭގެ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ބަކާ ބުނީ މެޗަށް ނުކުތް އިރު ކުޅުންތެރިން ތިބީ ގަދައަށް ޕްރެކްޓިސްކުރުމުގެ ސަބަބުން ވަރުބަލިވެފައި ކަމަށެވެ. ކުޅުންތެރިން ވަރުބަލިވެފައި ތިބި ނަމަވެސް މެޗުން މޮޅުވުން ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ގަތަރުގެ އަލް މަރުޚިޔާާ ސްޕޯޓްސް ކްލަބަކީ ވަރުގަދަ ކްލަބެއް ކަމަށެވެ. އަދި މެޗުން މޮޅުވި އިރު ކޯޗުގެ ޕްލޭނާ އެއްގޮތަށް މެޗުގައި ކަންތައްތައް ދިޔަ ކަމަށް އޭނާ ބުންޏެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބަކާ ބުންޏެވެ.
"ވަރަށް އުންމީދު ކުރަން ރަނގަޅު ނަތީޖާއަކަށް. ސަޕޯޓަރުން ހިތްހަމަ ޖެހޭ ވަރަށް، ރާއްޖޭގެ ހުރިހާ އެންމެންވެސް ހިތްހަމަަ ޖެހޭ ފަަދަ ނަތީޖާއެއް ނެރެވޭނެ ކަމަށް ވަރަށް އުންމީދު ކުރަން މިފަހަރު."
ރޭގެ މެޗުގައި ގައުމީ ޓީމުން ޖެހި ހަތަރު ގޯލުގެ ތެރޭގައި ބަކާގެ ގޯލެއްވެސް ހިމެނެއެވެ. އޭނާގެ އިތުރުން ދެން ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު، އަދި ހަސަން ނާއިޒް (ދާދު) އެވެ. ދާދު ވަނީ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. އެ ޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.