ބަކާ އާއި އިރޭ ގައުމީ ސްކޮޑުން ބާކީކޮށްފި

ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން ބަކާ--- ފޮޓޯ:އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރަށް ފުރާ ގައުމީ ޓީމުގެ ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ) އަދި މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބާކީކޮށް ޓީމުގެ ސްކޮޑު 30 ކުޅުންތެރިންނަށް މަދުކޮށްފިއެވެ.

މި ދެކުޅުންތެރިންގެ އިތުރުން ޓީމުން ފުރުސަތު ގެއްލިފައިވަނީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އަދި ޓީސީ ސްޕޯޓްސްގެ މުހައްމަދު އަޖުފާންއަށެވެ.

މާޒިޔާގެ ކެޕްޓަން އިރޭއަށް ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އަޖުފާން އާއި ސާއިފްއަށް ފުރުސަތު ނުލިބުނީ އަމިއްލަ ސަބަބުތަކާ ހުރެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޖުފާން ފަރިތަކުރުންތަކަށް ނުކުމެފައި ނުވަނީ އާއިލީ ސަބަބަކާ ހުރެއެވެ. ސާއިފް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ހުކުރު ދުވަހު ގަތަރަށް ފުރާ ގައުމީ ޓީމު ޓްރެއިން ކޭމްޕުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކޭމްޕު ނިންމާލުމަށްފަހު ގައުމީ ޓީމު މާލެ އަންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން ނޭޕާލް އަދި ސްރީ ލަންކާގެ ގައުމީ ޓީމުވެސް ކޭމްޕު ކުރަނީ ގަތަރުގައެވެ.

comment ކޮމެންޓް