ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރަަށް ފުރި ގައުމީ ޓީމުގެ ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އުނިކުރީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު އަށްވަނަ ދުވަހު އިއުލާން ކުރި ގައުމީ ސްކޮޑު ވަނީ 30 ކުޅުންތެރިންނަށް މަދުކޮށްފައެވެ. ބަކާގެ އިތުރުން ގައުމީ ސްކޮޑުން އުނުކޮށްފައިވަނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ)ގެ އިތުރުން ޓީސީގެ މުހައްމަދު އަޖުފާން އާއި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް އަދި އީގަލްސްގެ އިމްރާން ނަޝީދު (އިމްމަ)އެވެ.
ސްކޮޑު އިއުލާން ކުރުމާއެކު ބަކާ ވަނީ އޭނާ ސްކޮޑުން ބޭރުކޮށްލީ ބައެއްގެ ނުފޫޒުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައިއެވެ. ބަކާ ބުނީ ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިފައި ނުވަނީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެ ނުފޫޒު އައިސްފައިވަނީ ކޮން ހިސާބަކުންކަން ބުނަން ބޭނުން ނުވާ ކަމަށެވެ.
އެއާ ވިދިގެން 'ސަން ސާފް ފޯރި' ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މެނޭޖްމަންޓުގެ ފަރާތުން ގައުމީ ޓީމު ނެގުމުގައި ބަހެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އެފްއޭއެމް އާ ހަވާލުވި ފަހުން ހަމަ ގައިމުވެސް ގައުމީ ޓީމު ނެގުމުގައި އަޅުގަނޑުމެންގެ ބަހެއް ނޯންނާނެ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމް ނެގުމުގެ ހުރިހާ ކަމެއް ނިންމާނީ ގައުމީ ކޯޗުގެ މަގާމުގައި ހުންނަ ފަރާތުން ކަމަށެވެ. އަދި ކޯޗިން ޓީމަށް ކުޅުންތެރިން ނެގުމުގެ ފުރިހަމަ ބާރު އޮންނާނެ ކަމަށާއި އެފްއޭއެމްއިން ހަމައެކަނި ފާޑު ކިޔާނީ މުބާރާތެއް ނިމިގެންދާ އިރު ގައުމީ ޓީމުން ނެރޭ ނަތީޖާއަށް ކަމަށެވެ.
"އަޅުގަނޑުމެން ހަމައެކަނި ފާޑު ކިޔާނީ މުބާރާތެއް ނިމުމަށްފަހު، އައުމަށްފަހު ނެރޭ ނަތީޖާތަކަށް އެކަނި. އެ ނޫން ގޮތަކަށް އަޅުގަނޑުމެން ފާޑެއް ނުކިޔާނެ،" ބައްސާމް ވިދާޅުވިއެވެ.
މީގެ އިތުރުން ބައްސާމް ވިދާޅުވީ ގައުމީ ޓީމުގައި މިހާރު އޮތީ ވަރަށް ވާދަވެރި ސްކޮޑެއް ކަމަށާއި އެހެންކަމުން ބައެއް ކުޅުންތެރިންނަށް ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ.
ގައުމީ ސްކޮޑުން ބަކާއަށް ފުރުސަތު ގެއްލުނުއިރު، އޭނާއަކީ ރާއްޖޭން މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރުވެސް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ.