ޕީޕީއެމްގެ އެންމެ ބޮޑު ރައުސްމާލަކީ ރައީސް މައުމޫނު: އަބްދުއްރަހީމް

ސެޕްޓެމްބަރ 10، 2015: ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ޕީޕީއެމްގެ އެންމެ ބޮޑު ރައުސްމާލަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނުއަބްދުލްގައްޔޫމު ކަމަށާއި އެކަމާއި ދެކޮޅު ހަދާނެ އެއްވެސް މީހަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމަށް ޕީޕީއެމުން ބާއްވާ ދެވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫނު ރައީސްކަމުގައި ހުއްނަވައިގެން ކޮށްދެއްވި ހިދުމަތާއި ޕީޕީއެމްގައި ހުއްނަވައިގެން ކޮށްދެއްވި ހިދުމަތަށް ތައުރީފު ހައްގު ކަމަށެވެ.

" ޝައްކެއް ނެތް ޕީޕީއެމްއަކީ ރައީސް މައުމޫނު އުފެއްދެވި ޕާޓީއެއް، ޕީޕީއެމްގެ އެންމެ އަގުބޮޑު ރައުސްމާލަކީ ނުވަތަ އެސެޓަކީ ރައީސް މައުމޫނު. މިއާ ދެބަސްވާނެ އެއްވެސް ބޭފުޅަކު ޕީޕީއެމްގައި ނުހުއްނާނެކަން އަޅުގަނޑަށް ޔަގީން. ނުވެސް ހުއްނާނެ،" އަބްދުރަހީމް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 10، 2015: ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

އަބްދުއްރަހީމް އެހެންވިދާޅުވެފައި ވާއިރު ރައީސް މައުމޫނު ޕީޕީއެމްގެ ރައީސްްކަމުން ވަކިވާގޮތަށް ސިޔާސީޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ވަނީ ތާއީދުކޮށްފައެވެ. އަދި އެ އިސްލާހާގުޅިގެން ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ރައީސް ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވި އެ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ޔާމީނާ ނުލައި ޕީޕީއެމެއް ނޯނާނެ ކަމަށެވެ. އަދި ސަރުކާރާއި ޕީޕީއެމްގެ ތެރޭގައި ހަމަ ނުޖެހުން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދެއްކިނަމަވެސް ޕީޕީއެމް ދާނީ އަބަދުވެސް ކުރިއަށް ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 10، 2015: ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

އަބްދުއްރަހީމް ވިދާޅުވީ، " ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވެރިކަން ކުރައްވަން ފެއްޓެވީ ފިނިފެން މަލުގެ ދާނެއްގައެއް ނޫން،" ކަމަށެެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ނަމަވެސް މިހާރު ގައުމުގެ މާޔޫސްކަން ރައީސް، އުންމީދަށް ބަދަލުކޮށްދެއްވައިފި ކަމަށްވެސް އަބްދުއްރަހީމް މިރޭ ވިދާޅުވިއެވެ.

ސެޕްޓެމްބަރ 10، 2015: ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ރައީސް ޔާމީން ގައުމުގެ ވެރިކަމާ ހަވާލުވި އިރު ގައުމުއޮތީ ނާޒުކު ފައްތައްރެއްގައި ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު ގައުމު މިވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

" މިވޭތުވަމުން މިދާ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ބުރަ މަސައްކަތުން މިގައުމަށް ވަނީ ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދައިދީފައި. އުފަލާއެކީގައި ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ މާޔޫސްކަން މިއަދު ވަނީ އުންމީދަށް ބަދަލުކޮށްދީފަ އޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމުގެ ދެވަނަ މަހާސިންތާގައި މިރޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނައަދަދެއްގެ މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް