ހާމަކުރަންޖެހޭ މައުލޫމާތު ސިއްރު، ސިއްރުކުރަންޖެހޭ މައުލޫމާތު ހާމަ!

ހޯމް މިނިސްޓަރު އަލީ އިހުސާން: ހާމަކުރެއްވި މައުލޫމާތަކުން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައި --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ވަޒީފާތަކުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތު ކަމަށް ކަނޑައަޅައި އެ މައުލޫމާތު ސިއްރުކޮށްފައިވާއިރު، ނާޒުކު ހާދިސާއެއްގައި ނިޔާވި އަންހެން ކުއްޖެއްގެ އެންމެ ޒާތީ މައުލޫމާތުތައް ކަމާބެހޭ ވަޒީރު އާންމުކުރެއްވުމާ ގުޅިގެން އާންމުންނާއި ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތަށް އަމަލުކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އުސޫލުތަކާ ޚިލާފު އަދި ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

  • ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަންތައް ޒާތީ މައުލޫމާތުގެ ގޮތުގައި ސިއްރުކުރުން.
  • ނިޔާވި ކުއްޖެއްގެ ޒާތީ މައުލޫމާތުތައް ވަޒީރަކު އާންމުކުރުމުން އުފެދުނު ކަންބޮޑުވުންތައް.
  • މިފަދަ ނާޒުކު މައުލޫމާތު ހާމަކުރުމަކީ ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކާ ޚިލާފު ކަމެއްކަން.
  • ނަފުސާނީ އެހީތެރިކަން ހޯދާ ފަރާތްތަކުގެ އިތުބާރު ގެއްލިދާނެކަމުގެ ބިރު އޮތުން.

ސަރުކާރުން 200 އެއްހާ ސިޔާސީ މުވައްޒަފުން ވަކިކޮށްގެން އިއުލާނުކުރިއެވެ. އެކަމަކު، ވަކިކުރީ ކޮން ބައެއްކަން ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުން އަދިވެސް އެ އޮތީ ހުއްޓިފައެވެ. އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އެ މައުލޫމާތަކީ ބައެއްގެ 'ޒާތީ' މައުލޫމާތު ކަމަށް ބުނެ، ރައީސް އޮފީހުން ހައިކޯޓަށް ވެސް ދިޔައެވެ.

ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަން އެނގިވަޑައިނުގަންނަވާ ހުއްޓާ، ނޫސްވެރިން ސުވާލުކުރުމުން ހާމަކުރައްވާނަމޭ ވިދާޅުވިތާ ވެސް ހަ މަހަށްވުރެ ގިނަ ދުވަސްވަނީއެވެ.

ސަރުކާރުން ވަކިކުރި ބައެއްގެ ނަންތައް ބުނެލުމަކީ އެ މުވައްޒަފުންގެ ޒާތީ މައުލޫމާތަކަށް ވުމުން، އެ މައުލޫމާތު ފޯރުކޮށްދޭކަށް ސަރުކާރުން ބޭނުމެއް ނުވިއެވެ. ފަހުން، ސަރުކާރުގެ އެކިއެކި އިސްވެރިންގެ ސިއްރިއްޔާތުގައި ދެއްވި މައުލޫމާތުން ކަށަވަރުވީ ގޮތުގައި އެ މުވައްޒަފުން މިނިސްޓްރީތަކުން ވަކިކޮށްފައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބަދަލުކުރީއެވެ.

އެއީ ރަސްމީ ބޮޑު ސިއްރެއް ވީމާ އެކަން އެނގޭނީ ކާކަށް ހެއްޔެވެ؟ މި ކުރާ ތުހުމަތު ދޮގުކުރާނެ ނޫން ހެއްޔެވެ؟

https://sun.mv/205863

އެ ވަރުގެ މައުލޫމާތެއް ހޯދަން ޖެހެނީ ކޯޓަށް ދާށެވެ. ގޮސްގެން ވެސް މި އުޅެނީ ނުލިބިގެންނެވެ. އެކަމަކު، ނިކަން ދެކެބަލާށެވެ. ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މަދު މީހަކު ކުރީ ދެތިން ތުހުމަތެކެވެ. އެއް ކަމަކަށް ފުލުހުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާއެވެ.

އެ ކުއްޖާގެ އެންމެ ފަހު ވަގުތުކޮޅު، އެންމެ ބަލިކަށި ހާލަތުގައި ދެއްކި ވާހަކަ ރައީސް އޮފީހުގައި ހުންނަވާ، ހޯމް މިނިސްޓަރު އަލީ އިހުސާން އެ އޮތީ މުޅި ދުނިޔެއަށް އާންމުކުރައްވާފައެވެ. މިއީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟

އަލަށް ވީ ކަމެއް ނޫން

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެންލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ވެސް މިނިސްޓަރު ކަން ކުރެއްވީ އެ ފަދައިންނެވެ. އެ ކުއްޖާގެ މައްސަލައިގައި ޒުވާނުން ނުކުމެ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރުކުރިއެވެ. އެއީ، އަމިއްލައަށް ކުއްޖާ ވެއްޓިގެން ހިނގި ހާދިސާއެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރިއެވެ.

އެ ހިސާބުން އިޖުތިމާއީ މިންގަނޑާ ޚިލާފު އެތައް މަންޒަރެއް ފެންނަ ސީސީޓީވީ ފުޓޭޖް އެންމެންނަށް އާންމުކޮށްލީއެވެ. އޭރު އެ އަންހެން ކުއްޖާ އޮތީ ކްރިޓިކަލް ހާލަތުގައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: މީގެ ކުރިން ވެސް އޭނާ އާންމުކުރެއްވި ބައެއް މައުލުމާތާ ހެދި މީހުންގެ ކަންބޮޑުވުން ބޮޑުވި -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

އޭގެ ކުރިން މާލޭގެ ގެއެއްގެ ބެލްކަނީން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ވެސް ކަން ހިނގީ އެ މޭރުމުންނެވެ. އެ ކުއްޖާއާ އާއިލީ ގުޅުން އޮންނަ ސިޔާސީ ބޭފުޅަކަށް ނިސްބަތްކޮށް ސިޔާސީ ބައެއް ފަރާތްތަކުން ހުތުރު ތުހުމަތެއް އަމާޒުކުރިއެވެ. އެ ތުހުމަތުތައް ދޮގުކުރުމުގެ ގޮތުން ފުލުހުން، މަރުވެފައި އޮތް ޒުވާން އަންހެން ކުއްޖާގެ އެންމެ ޒާތީ މައުލޫމާތުތައް މުޅި ދުނިޔެއަށް އާންމުކޮށްލީއެވެ.

މި ތިން އަންހެން ކުދިންގެ އެންމެ ޒާތީ މައުލޫމާތު ވެސް 'ޒާތީ'އެއް ނުވިއެވެ. އެކަމަކު، ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަން އެއީ 'ޒާތީ'ކަމުން ހާމަކުރަން ނުކެރޭނެ ލަދުވެތި ވާހަކައެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އުސޫލާ ވެސް ޚިލާފު

ނަފުސާނީ ގޮތުން މީހަކަށް ދިމާވާ ދަތިތަކަކީ އާންމު އުސޫލަކުން އެ މީހާ މުޅި ދުނިޔެއަށް އަންގަން ބޭނުންވާނެ ކަންކަމެއް ނޫނެވެ. ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލާ މީހުންނާއި ތެރަޕިސްޓުންނާ ދެމެދު ދެކެވޭ ވާހަކައަކީ އެ ފަދައިން ސިއްރު މައުލޫމާތެވެ. އެއީ، ތިންވަނަ ފަރާތަކާ ހިއްސާކުރުން މަނާ ކަންކަމެވެ. އެކަމަކު، މި ފަހަރު ވީ އެހެންނެއް ނޫނެވެ.

ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދިޔަ ކުއްޖަކު، ހެލްޕްލައިނާ ދެއްކި ވާހަކަ ތިންވަނަ ފަރާތަކުން [މިނިސްޓަރު] މީޑިއާގައި އާންމުކޮށްލީއެވެ.

އެ ހިސާބުން ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ މިނިސްޓަރަށް ވެސް އެކަން އެނގިގެން ވާނެ ހެއްޔެވެ؟

https://sun.mv/221015

ނަފުސާނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާ ކޮންމެ މީހަކު، އެ މީހާގެ ވާހަކަތައް ހިއްސާކުރަނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ. އެ ފަދަ އިތުބާރެއްގެ ތެރެއިން ފުލުހުންގެ ހެލްޕްލައިނަކާ ދެކެވުނު ވާހަކައެއް މިނިސްޓަރަށް އެނގެން ޖެހޭ ހެއްޔެވެ؟ ތަހުގީގެއް ހިނގާނަމަ ނުވަތަ ކޮންމެހެން އެނގެން ޖެހޭނަމަ، އެ މައްސަލައެއް ބަލާ އިންވެސްޓިގޭޝަން އޮފިސަރަށް އެނގުނީމާ ނިމުނީ ނޫން ހެއްޔެވެ؟

ޑަބްލިޔުއެޗްއޯއާއި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ސުއިސައިޑް ޕްރިވެންޝަން (އައިއޭއެސްޕީ) ގުޅިގެން 2023 ވަނަ އަހަރު ނެރުނު ގައިޑްލައިންގައި ވާގޮތުން ނަފުސާނީ މި ފަދަ ބަލިމަޑުކަމެއްގައި މަރުވާ ކުދިންގެ މެސެޖުތަކާއި، ފޮޓޯއާއި ސީންގެ ތަފުސީލު އާންމުކޮށްގެން ނުވާނެއެވެ. މިއީ މީޑިއާތަކާ ގުޅޭ ގައިޑްލައިނެއް ނަމަވެސް އެއީ ސަރުކާރެއްގެ ފަރާތުން، ޚާއްސަކޮށް ހޯމް މިނިސްޓަރުގެ ފަރާތުން އަމުދުން ފެނިގެންވާނެ ކަމެއް ނޫނެވެ.

ގިނަ މެއިންސްޓްރީމް މީޑިއާތަކުން އެއްބަސްވެ އަމަލުކުރާ އެޑިޓޯރިއަލް ޕޮލިސީއަކީ ވެސް މިއީއެވެ. އުސޫލެއްގެ ގޮތުން މި ފަދަ އަމިއްލައަށް މަރުވާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓެއް ނުކުރާނެއެވެ. ވަރަށް ޚާއްސަ، މަދު ހާލަތެއްގައި ފިޔަވައެވެ.

ސަބަބަކީ، އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެ ފަދަ ވާހަކަތައް ދެއްކުމުން، ނަފުސާނީ ގޮތުން ބަލިކަށި ހާލަތްތަކުގައި ތިބޭ އެހެން މީހުންނަށް ނުބައި މެސެޖެއް ލިބެނީއެވެ. ނަތީޖާއެއްގެ ގޮތުން މި ފަދަ ހިތާމަވެރި ހާދިސާތައް އިތުރުވާ ކަމަށް ދިރާސާތަކުން އެ ހުރީ ފެންނާށެވެ. ހަމައެކަނި އެ މިންވަރުން ވެސް ހޯމް މިނިސްޓަރަށް މިއީ ހާމަކުރައްވަން ވާނެ މައުލޫމާތެއް ނޫންކަން އެނގޭނެ ނޫން ހެއްޔެވެ؟

އިހުސާން ހޫނު ފެނަށް

ނޫސްވެރިންގެ ބައްދަލުވުން ބަލަން އިންއިރު، މައުލޫމާތު ހާމަކުރި މިންވަރުން ހައިރާންވެ، އަޖައިބުވެ އަންތަރީސްވިއެވެ. އެއީ، މިނިސްޓްރީގައި އޮންނަ މީޑިއާ ޓީމާއި، ރައީސް އޮފީހުގެ މީޑިއާ ޓީމާއި، ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރާއި، މިނިސްޓަރު ފެންވަރުގައި އައްޔަންކުރައްވާފައި ހުންނެވި ތަރުޖަމާނާ ވެސް މަޝްވަރާ ނުކުރައްވާ އިހުސާން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއްބާއޭ ހިތަށް އެރިއެވެ.

ސަބަބަކީ ކުޑަކޮށް ވެސް މި ފަދަ މައްސަލަތައް ދިރާސާކޮށްލެއްވި ނަމަ ނުވަތަ ހާމަކުރެއްވި މައުލޫމާތުގެ ހައްސާސްކަމާ މެދު ފިކުރު ހިންގަވާލެއްވި ނަމަ އެ ފަދައިން ކަން ނުކުރެއްވީހެވެ.

"އެ ކުއްޖާއަކީ ކުށްވެރިއެއް ނޫން، ތިހެން މީޑިއާއަށް އަރާ ބޭޒާރު ކުރާކަށް،" އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވެސް މި ފާޅުކުރައްވަނީ މި ކަންބޮޑުވުމެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރު ވިކްޓިމްގެ ޒާތީ މެސެޖްތައް މީޑިއާއަށް ކިޔާ ދިނުން "ސަޅިއެއް ނޫން އަދި ގަދައެއް ވެސް ނޫން" ކަމަށެވެ. އޭނާ ވަނީ، އެފަދައިން ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލާ އެހެން މީހުންނަށް ވެސް ފުލުހުންނަށް ގުޅަން ނުކެރެނީ މިނިސްޓަރުގެ އެފަދަ އަމަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އޭނާ ވަނީ މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ގޮވާލާފައެވެ.

އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް ވަނީ އިހުސާންގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުއްޖާއަކީ ކުށްވެރިއެއް ނޫން ކަމަށާއި އެއީ ނަފުސާނީ ބަލީގެ ވިކްޓިމްއެއް ކަމަށެވެ.

އެހެންވެ، މި ފަދަ ޒާތީ މައުލޫމާތުތައް އާންމުކުރުމުން އެހީތެރިކަމަށް އެދެން މީހުން ޖެހިލުންވާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ މިދުއަމް ސައުދު ވެސް ވަނީ ވިކްޓިމް ސަޕޯޓަށް ގުޅައިގެން ކުއްޖަކު ދެއްކި ވާހަކައެއް ލައިވް ޓީވީގައި މިނިސްޓަރު ވިދާޅުވުމުން ހައިރާންވެފައި ހުރި ކަމަށް ވިދާޅުވެފައެވެ. އޭނާ ވެސް ވަނީ މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"އެއީ މީހެއްގެ އެންމެ ބަލިކަށި ވަގުތުކޮޅު. އެ ވާހަކަތަކަކީ ރައްކާތެރިކުރެވެންޖެހޭނެ މައުލޫމާތު،" އޭނާ އިނގިރޭސިބަހުން ވިދާޅުވެފައިވެއެވެ.

https://sun.mv/215329

އަމާޒުވި ތުހުމަތުން ބަރީއަވާން އެ ކުއްޖާގެ އެންމެ ޒާތީ މައުލޫމާތުތައް ހިއްސާކުރާކަށް ނުޖެހެއެވެ. އެއީ، މިނިސްޓަރުގެ އަތްމަތީގައި އޮންނަންވާނެ އިޚުތިޔާރެއް ވެސް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ނަމަ މިއީ މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރާ ވަރުގެ ބޮޑު މައްސަލައެކެވެ. ފިޔަވަޅު އަޅަންޖެހޭ ވަރުގެ އިހުމާލެކެވެ.

މިއީ މީޑިއާއާއި ޕީއާރަށް އެންމެ ބޮޑު ޚަރަދެއް ކުރާ އެއް ސަރުކާރެވެ. ކޮމިއުނިކޭޝަނަށް ޚާއްސަ މިނިސްޓަރެއްގެ އިތުރުން މިނިސްޓަރު ފެންވަރުގެ ތަރުޖަމާނެއް އެބަ ހުންނެވިއެވެ. ކޮންމެ މިނިސްޓްރީއެއްގައި ބޮޑު މީޑިއާ ޓީމެއް އޮވެއެވެ. އެކަމަކު، ފެންނަނީ މި ފަދަ ބޮޑެތި ގޯސްތައް ތަކުރާރުވާ މަންޒަރެވެ.

ހާމަކުރަންޖެހޭ މައުލޫމާތު އެ ހުރީ ސިއްރުކޮށްފައެވެ. ސިއްރުކުރަންޖެހޭ މައުލޫމާތު އެ ހާމަކޮށްލަނީ ސީދާ މިނިސްޓަރެވެ. މިއީ ވަރަށް ދެރަވަރު މައްސަލައެކެވެ.

comment ކޮމެންޓް