ސާފިން: މޯލްޑިވްސް އޯޕަން 2015ގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

"މޯލްޑިވްސް އޯޕަން 2015"ގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމަށް އެމްބީބީއޭއާ ދިރާގާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ދިރާގު

ރާއްޖޭގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތް "މޯލްޑިވްސް އޯޕަން 2015"ގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް (އޭއެސްސީ)އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މި މަހުގެ 13 އިން 16އަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ރާޅު ޕޮއިންޓެއް ކަމަށްވާ އަދާރަން ހުދުރަން ފުށި ރިސޯޓުގެ "ޅޮހީސް ސަރފް ބްރޭކް"ގައި ކުރިއަށް ގެންދާ މިމުބާރާތުގެ ޓެލެކޮމްޕާޓްނަރު އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ މާކެޓިިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މުޙައްމަދު މިރުޝަން ހަސަންއެވެ. އެމްބީބީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިޔާގެ ރައީސް އަބްދުﷲ އަރީފްއެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ "މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ބްރޭޑްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ސްޕޮންސަރ ކުރާ މި މުބާރާތަކީ އޭޝިއާ ސަރަހައްދުގެ މަޝްހޫރު ރާޅާއެޅުންތެރީން ވާދަކުރާ މުބާރާތެކެވެ.

މެންސް އޯޕަން ވިމަންސް އޯޕަން އަދި ބޮޑީބޯޑިން އޯޕަން މި ތިން ކެޓަގަރީ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތަށް އިނާމުގެ ގޮތުގައި 15،000 އެމެރިކާ ޑޮލަރު ހުށަހަޅާފައި ވެއެވެ.

މޯލްޑިވްސް އޯޕަން 2015ގައި ރާއްޖޭގެ ރާޅާއެޅުންތެރީންގެ އިތުރުން އޮސްޓްރޭލިއާ، ދެކުނު އެފްރިކާ، އިންޑޮނޭޝިއާ، ޕިލިޕީންސް، ދުބާއީ، އެމެރިކާ، ފްރާންސް، ޖަރުމަން، ޖަޕާން އަދި ޑޮމިނިކަން ރިޕަބްލިކްގެ ރާޅާއެޅުންތެރީން ވާދަކުރާނެއެވެ.

މޯލްޑްވްސް އޯޕަން 2014ގެ މެންސް އޯޕަންގެ ޗެމްޕިއަންކަން ހޯދީ، އިންޑޮނީޝިއާގެ ގަރުތު ވިޑިއާރްތާއެވެ. ވިމެންސް އޯޕަންގެ ޗެމްޕިއަންކަން ޖަޕާންގެ ރީނާ ކިޓަޒަވާ ހޯދާފައިވާއިރު އެ މުބާރާތުގެ ބޮޑީބޯޑިން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ދެކުނު އެފްރިކާގެ ގެވިން ބޯތާއެވެ.

މިފަހަރުގެ މޯލްޑިވްސް އޯޕަންގައި ވާދަކުރާ ރާޅާއެޅުންތެރީންގެ ތެރޭގައި އޭއެސްސީ ޗެމްޕިއަންކަން ތިންފަހަރު ހޯދާފައިވާ ބާލީގެ ރަޑިޓްޔާ ރޮންޑީއާއި އޭއެސްސީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެސްޓް ޖާވާގެ ޑެޑޭ ސުރްޔާނާއާއި މިހާރު އޭއެސްސީ ރޭންކިންގެ އެއްވަނައިގައި އޮތް އަދި މޯލްޑިވްސް އޯޕެން 2014ގެ މެންސް އޯޕަން ޗެމްޕިއަން ގަރުތު ވިޑިއާރްތާއާއި އޭއެސްސީ ވިމަންސް ޗެމްޕިއަން 2013 ރީނާ ކިޓަޒަވާ ފަދަ ދުނިޔޭގެ ފެންވަރުގެ ރާޅާއެޅުންތެރީން ހިމެނެއެވެ.

comment ކޮމެންޓް