"އެސްޓީއޯ އިން ވިއްކާ އެއްވެސް ޕްރޮޑަކްޓެއްގައި މައްސަލައެއް ނުހުންނާނެ"

 އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު މީޑިއާއަށް މައުލޫމާތު ދެއްވަނީ: އެސްޓީއޯ އިން ގެންނަ ކާޑު ޝިޕްމެންޓްތަކަކީ ސާކްގެ ގައުމުތަކަށް ވުރެ ކޮލިޓީ ރަނގަޅު އެއްޗެއް ކަމަށް ވިދާޅުވި ------ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް އެތެރެކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ އެއްވެސް ޝިޕްމަންޓެއްގައި މައްސަލައެއް އުޅޭނަމަ އެ ޝިޕްމަންޓެއް މާކެޓަށް ނުނެރޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީރު ވިދާޅުވީ، މައްސަލައެއް އުޅޭ ޝިޕްމަންޓެއް މާކެޓަށް ނެރި ވިއްކަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ޖަވާބުދެއްވަމުން ޝަހީރު ވިދާޅުވީ، އެސްޓީއޯގެ އެއްވެސް ޝިޕްމަންޓަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ސަޕްލަޔަރާ ވާހަކަ ދައްކައިގެން ނުވަތަ އިންޝުއާ ކުރި ފަރާތާ ވާހަކަ ދައްކައިގެން އެ އެއްޗެއް އަނބުރާ ފޮނުވާލާ ކަމަށެވެ.

"އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އެސްޓީއޯ އިން ވިއްކާ އެއްވެސް ކާޑަކީ އެސްޓީއޯ އިން ވިއްކާ އެއްވެސް ޕްރޮޑަކްޓަކީ އެއްވެސް މައްސަލައެއް ހުންނާނެ އެއްޗެއް ނޫން. އެއަށް ވުރެ ކޮލިޓީ ރަނގަޅު ވަރަށް ރަނގަޅު އައިޓަމްތަކެއް،"

ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ގެންނަ ހަނޑޫ ހަކުރު އަދި ފުށަކީ ކޮޑެކްސް މިންގަނޑަށް ވުރެ ކޮލިޓީ ރަނގަޅު ބާވަތްތަކެއް ކަމަށާއި ސާކްގެ ގައުމުތަކަށް ވުރެ ރާއްޖެއަށް ގެންނަ ހަނޑޫ ހަކުރު ފުށުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ. އަދި އެއްވެސް ޝިޕްމެންޓެއްގައި މައްސަލައެއް އުޅޭ ނަމަ އެ ޝިޕްމަންޓެއް "ރިޖެކްޓް" ކުރާ ކަމަށާއި އެ ޝިޕްމަންޓެއް މާކެޓަކަށް ނުނެރޭނެ ކަމަށެވެ.

ދޭތެރެދޭތެރެއިން ގެންނަ ޝިޕްމަންޓްތަކުގައި މަދުން ނަމަވެސް މައްސަލަ ދިމާވާކަމަށް ޝަހީރު ވިދާޅުވި އެވެ. އެގޮތުން ޖުލައި މަހު ގެނައި ޝިޕްމަންޓެއްގެ ފަސް ކޮންޓެއިނަރެއްގައި ޓެމްޕަރޭޗާ ކޮންޓްރޯލް ސިސްޓަމުގައި މައްސަލައެއް އުޅޭތީ ގުދަނުގައި ވަކި ތަނެއްގައި އެ ބަހައްޓާފައި ހުންނާނެ ކަމަށާއި އެމުދާ ޓެސްޓްކޮށްދޭން އެފްޑީއޭ ގާތުގައި އެސްޓީއޯ އިން އެދިފައިވާ ކަމަށެވެ.

ޝަހީރު ވިދާޅުވީ ގުދަނުގައި އެ މުދާތައް ބަހައްޓާފައި ހުރީ މާކެޓަށް ނެރެން ނޫން ކަމަށާއި، ޓެސްޓް ކުރުމަށް ފަހު ބޭނުންކުރަން އެދެވޭއެއްޗެއް ނޫންނަމަ އިންޝުއާ އަދި ސަޕްލައިކޮށްދޭ ފަރާތާ ވާހަކަ ދައްކައިގެން އެ އެއްޗެހި ފޮނުވާލާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ނުކޮށްފި ނަމަ އެ އެއްޗެހި ގަންނަން ދިޔަ އަގު އަނބުރާ ނުލިބޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް