ފުނަދޫގައި ތެޔޮ ރައްކާކުރާ ކެޕޭސިޓީ ބޮޑުކޮށް، 20،000 ޓަނުގެ ޓޭންކަރެއް ގަންނަނީ

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ރަށް ފުނަދޫ: އެރަށުގެ ސްޓޯރޭޖް އިތުރުކުރުމުގެ ޕްރޮޖެކްޓެއް އެސްޓީއޯ އިން ހިންގަނީ --- ސަން ފޮޓޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ ރައްކާކުރާ މިންވަރު އިތުރު ކުރުމަށް، އެ ކުންފުނިން ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގައި ހާއްސަ ޕްރޮޖެކްޓްތަކެއް ހިންގަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން މިހާރު ކުރިއަށްގެންދާ މުހިންމު ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ފުނަދޫގެ ތެޔޮ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަކީ އެ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށެވެ.

އެގޮތުން މުޅި ފުނަދޫގެ ޕެޓްރޯލް އަދި ޑީސަލް ރައްކާކުރާ މިންވަރު އިތުރުކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. އޭގެ އިތުރުން 20،000 ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް އެ ޕްރޮޖެކްޓްގެ ތެރެއިން އެސްޓީއޯއަށް ހޯދާނެކަމަށް ޝަހީރު ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގެ ހުރިހާ ޑޮކިއުމަންޓްތައް ނިމި އާރުއެފްޑީ ކޮންޓްރެކްޓަރުންނަށް ފޮނުވާފައިވާ މިހާރު ވާނީ. އިރާދަކުރެއްވިއްޔާ އެންމެ ގިނަވެގެން އަށް މަސްދުވަހާ 10 މަސްދުވަހާ ދެމެދުގައި އަޅުގަނޑުމެން މި ޕްރޮޖެކްޓް ނިންމާލާނަން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ، ފުނަދޫގެ ސްޓޯރޭޖް އިތުރު ކުރަން ޖެހުނީ ފުނަދޫގެ ސްޓޯރޭޖް މިހާރު ރާއްޖޭގެ ޑިމާންޑާ ބަލާފައި ވަރަށް ކުޑަ ވުމުން ކަމަށެވެ. އެހެންކަމުން ބައެއްފަހަރު ޑިމާންޑް ބޮޑު ދުވަސްކޮޅު ދަތިތަކާ ކުރިމަތިވާ ކަމަށާއި އެ ޕްރޮޖެކްޓް ނިމުމުން ތެލުގެ ވިޔަފާރި ހިންގުމުގައި ވަރަށް ބޮޑަތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

މުޅި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި މަސައްކަތް ނިމޭއިރު އެތަނުގެ ފަޔާ ސޭފްޓީވެސް ހުންނާނީ އައިއެސްއޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭވަރަށް ކަމަށް ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް