މިލާނޯގައި ހުޅުވި ރާއްޖޭގެ ސްޓޯލަށް އެއްލައްކަ މީހުން ޒިޔާރަތްކޮށްފި

މިލާނޯ އެކްސްޕޯގެ ތެރެއިން

އިޓަލީގެ މިލާންގައި މިހާރު ކުރިއަށްދާ "އެކްސްޕޯ މިލާނޯ 2015"ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޯލަށް އޮގަސްޓް މަހުގެ ނިޔަލަށް 100،000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ އެކްސްޕޯގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން 140 އަށް ވުރެ ގިނަ ގައުމު ބައިވެރިވެ އެވެ. އެކްސްޕޯ ކުރިއަށްދާ ހަ މަސް ދުވަހުގެ މުއްދަތުގައި މުޅި އެކްސްޕޯއަށް 20 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ލަފާކުރެ އެވެ.

އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރަނީ 60 ސުކޮޔާ މީޓަރުގެ ސްޓޯލެއްގަ އެވެ. އެ ސްޓޯލްގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ރާއްޖޭގެ ގުދުރަތީ ރީތި ކަމުގެ މަންޒަރުތައް ދައްކަ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ރާއްޖެއާ ގުޅޭ ގޮތުން ދެކެވިފައިވާ "ފްލޯކް ވާހަކަތައް" ކިޔައިދިނުމާއި ރާއްޖޭގައި ތައްޔާރުކުރާ ކާނާގެ ބާވަތްތައް ރަހަ ދެއްކުމާއި އެކިއެކި ސޮވެނިއާސް އަދި އިސްތިހާރު ބެހުން ފަދަ ކަންކަން ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދެ އެވެ. އަދި ކޮންމެ ހަފްތާ އަކު އެއްފަހަރު، މޫސުމަށް އަންނަ ބަދަލުތަކާއި ހިމާޔަތްކުރެވިފައިވާ ދިރޭތަކެއްޗާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންތައް ބާއްވަ އެވެ.

އެކްސްޕޯގައި ވަނީ ރާއްޖޭގެ ގައުމީ ދުވަސް ވެސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފަ އެވެ. އެމްއެމްޕީއާރުސީން ބުނީ ގައުމީ ދުވަސް ފާހަގަކުރުމަށް ފަހު ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންގެ އަދަދު އިތުރު ކަމަށާއި 100،000 މީހުން ޒިޔާރަތްކުރުވި ސަބަބަކީ އެއީކަމަށެވެ.

އިޓަލީ އިން 2014 ވަނަ އަހަރު ވަނީ ރާއްޖެ އަށް 57،862 ފަތުރުވެރިން ޒިޔާރަކޮށްފަ އެވެ. އަދި މިއަހަރު ޖުލައި މަހުގެ ނިޔަލަށް 38،392 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 7.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް