ސަރުކާރުގެ އިގްތިސާދީ ޕޮލިސީތަކުގެ އެއްމެ މުހިންމު އެއް ބޭނުމަކީ ދިވެހިންގެ ހުނަރުތައް ފައިސާއަށް ބަދަލުކުުރުން ކަމަށް މިނިސްޓަރު އޮފް އިކޮނަމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ފޮޓޯގްރާފާސް އެސޯސިއޭޝަން (އެމްޕީއޭ) އިން ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މި ސަރުކާރުން ފޮޓޯގްރަފީގެ ވިޔަފާރި ތަރައްގީ ކުރުމަށް އިސްކަންދެއްވާ ކަަމަށެވެ. އެގޮތުން ބޭރު ގައުމުތަކުގެ ފޮޓޯގްރާފަރުންނަށް ވޯކް ވިސާ ނުދޭން ސަރުކާރުން ނިންމިކަން ސައީދު ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް މިއަދު ފަޚުރުވެރިކަމާއި އެކު ދަންނަވާލެވިދާނެ ފޮޓޯގްރަފީގެ ވިޔަފާރި މިއޮތީ ތި ދިވެހިންނަށޭ،" ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ފޮޓޯގްރާފަރުންނާއި މުޚާތަބުކޮށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ގެންދަވަނީ އިގްތިސާދީ ހަރަކާތްތަކާއި ޒުވާނުންނާ ގުޅުވައިދެމުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ފޮޓޯގްރަފާސް އެސޯސިއޭޝަންގެ ވެބްސައިޓްވެސް އިފްތިތާހުކޮށްފައެވެ.
އެ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެ ވެބްސައިޓަށް ދިވެހި ފޮޓޯގްރާފަރުންގެ މައުލޫމާތުތައް ލެވޭނެ ކަަމަށާއި އަދި ފޮޓޯގްރާފަރުންނާއި ކަސްޓަމަރުން ގުޅުވައިދޭ އެއްޗަކަށް އެ ވެބްސައިޓް ވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ 'ފޯ ޓޯލްކް' ނަމުގައި ފޮޓޯގްރާފަރުންގެ ތަޖުރިބާ ހިއްސާކުރެވޭނެ ސެޝަންތަކެއް ބާއްވަން ނިންމާފައެވެ. އެ ސެޝަންތަކުގެ ބޭނުމަކީ ފޮޓޯގްރާފަރުންނަށް ހިތްވަރުދިނުން ކަމަށް އެމްޕީއޭ އިން ބުނެއެވެ.