"ކެމެރާއެއް އަލަށް ލިބުނު އިރު އަޅުގަނޑު ވަރަށް މުސްކުޅިވާނެ މި ދާއިރާއަށް. އެހާބޮޑަކަށް ނޭނގެ ކިހިނެއް ކަމެއް މޮޅު ފޮޓޯއެއް ނަގާނީ. ނަމަވެސް ހިތްވަރު ދިނުމުގެ ގައުމީ އިނާމުލިބި މިހާރު އާދެވިފައި މިހުރި ހިސާބުން ހީވޭ އެބަ ޒުވާން ވާހެން،" ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރު މުހައްމަދު ޝާފީ ސ. މަރަދޫ ވެސްޓްކޯސްޓް ވާހަކަ ފެއްޓެވީ މިހާ ހިސާބުންނެވެ.
ރާއްޖޭގައި އެންމެ ނަންހިނގާ އެންމެ ވަރުގަދަ ފޮޓޯގްރާފަރުންގެ ކިތަންމެ މަދު ލިސްޓެއް ނެގި ނަމަވެސް ޝާފީގެ ނަމަކީ ކޮންމެހެން ވެސް އެ ލިސްޓަށް ލާން ޖެހޭ ބޭފުޅެކެވެ. ފޮޓޯގްރަފީ އުދަރެހުގައި އޭނާގެ ނަން މަޝްހޫރުވެފައި ވިދުން ގަދައީ އޭނާގެ ފޮޓޯތަކުގައި ހުންނަ "ޖާދޫވީ" ގޮތްތަކުގެ ސަބަބުންނެވެ. އޭނާއަކީ ރީތި މަންޒަރެއްގެ އަސްލު ގެއްލުވާނުލާ ފޮޓޯއަކަށް އެ މަންޒަރު "ތިލަކޮށްލަން" އެނގޭ މަދު ފޮޓޯގްރާފަރުން ތެރެއިން ފޮޓޯގްރާފަރެކެވެ.
މީގެ 24 ވަރަކަށް އަހަރު ކުރިން ފެއްޓެވި ފޮޓޯގްރަފީގެ މަސައްކަތަކީ ޝާފީގެ މާބޮޑު ޝައުގުވެރިކަމެއް އޭރު އޮވެގެން ފެއްޓެވި މަސައްކަތެއް ނޫން ނަމަވެސް މިއަދު ފޮޓޯގްރަފީ އާއި ޝާފީއާ މި ދެބަހަކީ ވަކިކުރެވޭނެ ދެބަސް ނޫންކަން ހުދު އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެއާ މޯލްޑިވްސްގައި ވަޒީފާގައި އުޅުއްވަނިކޮށް ބިންގާއެޅިގެންދިޔަ އެ މަސައްކަތަކީ މިއަދު އޭނާގެ "ފުރާނަ"އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
"އެއާ މޯލްޑިވްސްގެ ވަޒީފާގައި އުޅުނު އިރު މި މަސައްކަތް ފަށައިގަތީ. އެއީ 1994 ވަނަ އަހަރު. އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރެއް ކަމަށްވާ އެޑްރިއަން ނެވިލްއާ އެކު އެއާ މޯލްޑިވްސް އިޝްތިހާރު ކުރުމަށް ފޮޓޯ ނެގުމުގެ މަސައްކަތްތައް އޭރު ކުރީ. އެއީ ކަލަންޑަރެއް ހެދުމުގެ މަސައްކަތް އެ މަސައްކަތުގެ ތެރެއިން ފުރުޞަތު ލިބުނީ ފޮޓޯ ނަގަން،" ފޮޓޯ ނަގަން ޝައުގުވެރިކަން އުފެދުނު ހިސާބު ކިޔާ ދެއްވަމުން ޝާފީ ވިދާޅުވި އެވެ.
ގަސްތަކާއި ނުލާ ފެއްޓެވި މަސައްކަތް އެންމެ ފަހުން ޝާފީގެ ދިރިއުޅުމުގެ އެއްބަޔަށް ބަދަލުވީ 2000 ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު އެފްޑީއައި ސްޓޭޝަން ހުޅުވި ހިސާބުންނެވެ. އޭރު ވެސް މޮޅަށް ވޮލީ ކުޅުއްވަމުން ގެންދަވާ ޝާފީ އެފްޑީއައިއާ ގުޅުނީ ފޮޓޯގްރާފަރެއްގެ ހައިސިއްޔަތުން އެތަނުގައި މަސައްކަތް ކުރުމަށެވެ.
"އެފްޑީއައިގައި މަސައްކަތް ކުރަން ފެށުނު ހިސާބުން ވަރަށް ކަންކަން ދަސްވި. އަދި ދާއިރާއަށް ވަރަށް ބޮޑަށް ލޯހުޅުވުނު. ދެން އެ ތަނުގައި ދެ އަހަރު އުޅުމަށް ފަހު ވަޒީފާ ދޫކޮށްލީ،" އެންމެ ފުރަތަމަ އަދާކުރެއްވި ފޮޓޯގްރަފީއާ ގުޅޭ ވަޒީފާގެ ތަޖުރިބާ ޝާފީ ވިދާޅުވެދެއްވި އެވެ.
އެފްޑީއައިގައި މަސައްކަތް ކުރެއްވި އިރު އެންމެ ބުރަ މަސައްކަތަކަށް ކުރެވުނީ އަދި އެންމެ ބޮޑު މަސައްކަތަކަށް ވެސް ވެގެންދިޔައީ އޭރު ރާއްޖޭގައި ގެންގުޅެމުން ދިޔަ ފިލްމް ލައްވާ ކެމެރާތަކުގެ ބަދަލުގައި ޑިޖިޓަލް ކެމެރާ ތައާރަފްކުރުމެވެ. އަލަށް ރައްޖެ އަށް ޑިޖިޓަލް ކެމެރާއެއް ތައާރަފު ކުރި އިރު ޝާފީއަކީ އެކަން ތައާރަފު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ވަޒީފާ ދޫކޮށްލައްވައި ކެމެރާއެއް ހިއްޕަވައިގެން ޝާފީ ނުކުންނެވީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވުމަށެވެ. އޭރު އެފްޑީއައިގައި ޝާފީ ހުންނަވައިގެން ދެމުން ގެންދިޔަ "އަވަސް ހިދުމަތުގެ" ސަބަބުން ކަސްޓަމަރުން ކުރި އިތުބާރާ އެކު އޭނާއަށް އެމަސައްކަތް އުނދަގޫ މަސައްކަތަކަށް ނުވި އެވެ. ދެހާސް ފަސް ވަނަ އަހަރު (ޑިޖިޓަލް ސްޓޫޑިއޯ)ގެ ނަމުގައި މާލޭގައި ފެންވަރު ރަނގަޅު ސްޓޫޑިއޯއެއް ޝާފީ ހުޅުއްވީ އެމަސައްކަތުގެ ތެރެއިންނެވެ.
ޑިޖިޓަލް ސްޓޫޑިއޯ މެދުވެރިކޮށް އޭރުން ފަށައިގެން ދެމުން އައި ހިދުމަތަށް މިއަދު 12 އަހަރުވެގެން ދިޔައިރު އޭނާގެ ނަމަށް އަދި ވެސް ފަނޑުކަމެއް ނާދެ އެވެ. މިއަދު ވެސް ކަސްޓަމަރުން އޭނާއަށާއި އޭނާގެ ސްޓޫޑިއޯއަށް އިތުބާރު ކުރަނީ މާޒީވެ ދިޔަ ތަނުގައި އޭނާގެ ފަރާތުން ފެނުނު ހިދުމަތުގެ އަހުލާގާއި ހިތް ހެޔޮ މިޖާޒުގެ ސަބަބުންނެވެ.
"އަސްލް ކަސްޓަމަރުން އަޅުގަނޑު ބަލައިގަންނަނީ އަވަސް ހިދުމަތެއް ދޭތީ. ޝާފީއަށް އަބަދުވެސް ގުޅޭނެ. ރީޗްވެވޭނެ. އެހެންވީމަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް އޮވެ އަޅުގަނޑާ މަސައްކަތެއް ހަވާލުކޮށްފި ނަމަ ނިންމާނެކަން،" ޝާފީ ވިދާޅުވި އެވެ.
ޝާފީގެ ހިދުމަތުގެ ބޮޅަށް އިތުރުވި އެންމެ ބޮޑު މަސައްކަތަކީ އޭނާ ފޮޓޯގްރާފަރުންގެ ޖަމުޢިއްޔާ އުފެއްދެވުމުށް ކުރެއްވި މަސައްކަތެވެ. ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށާއި އަދި މިހާރު އެ ރޮނގުގައި ފާހަގަކޮށްލެވޭ ފޮޓޯގްރާފަރުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް އުފެދުނު އެ ޖަމިއްޔާ ވުޖޫދަށް އައުމުގައި ޝާފީ ވަނީ އިސްރޯލެއް އަދާކުރައްވައިފަ އެވެ.
ފޮޓޯނަގާ މީހުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްވެފައި ނެތުމުން، އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް ޝާފީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ބޭރުގެ ފޮޓޯގްރާފަރުން އެ މަސައްކަތް ކުރަން ފެށުމުން ދިވެހިންނަށް ލިބޭ ފުރުޞަތުތައް މަދުވުމާ އެކު، ސަރުކާރުގައި ދަންނަވައިގެން އެކަމަށް ހައްލެއް ހޯއްދެވުމުގައި ޝާފީ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ.
"އަސްލު ވަރަށް ބޮޑަށް އެކަން ހައްލުވެއްޖެ. ނަމަވެސް އަދިވެސް އެބައުޅޭ ބައެއް މައްސަލަތައް. ނަމަވެސް މި ބަލަނީ މަޑުމަޑުން އެކަންކަން ހައްލުވާނެ ކަމަށް. ދިވެހި ރިސޯޓްތަކުގައި ތިބެންވާނީ ދިވެހި ފޮޓޯގްރާފަރުން،" ޝާފީ ވިދާޅުވި އެވެ.
ޝާފީގެ 24 އަހަރަށް ވުރެ ގިނަ ދުވަސްވީ ހިދުމަތުގައި އެނާގެ ލެންސް އަމާޒުނުވާ ދާއިރާއެއް މަދެވެ. އޭނާގެ ކެމެރާއަށް ރާއްޖޭގެ ރީތިކަން "ގައިދު"ކޮށްފި އެވެ. އެތައް މީހުންގެ ކައިވެނީގެ ހަޔާތް އޭނާގެ މޮޅު ފޮޓޯއަކުން ޒީނަތްތެރިކޮށްިދިން އިރު ބޭރު ދުނިޔެއަށް ރާއްޖޭގެ ރީތިކަން ދެއްކުމަށް އޭނާ ވަނީ ބުރަ މައްކަތްތަކެއް ކުރައްވައިފަ އެވެ. ޝާފީގެ މުއްސަނދި ގެލަރީގައި ރާއްޖޭގެ ތާރީހުގެ މުހިންމު ސޮފޮހާތަކެއް ވަނީ ރައްކާކުރެވިފަ އެވެ. އޭނާގެ މޮޅު ސިކުންޑިން ކުރަހާލައިގެން ނަގާ މުހިންމު ފޮޓޯތަކަކީ މިއަދު ވެސް ދިވެހިން ބަލައިގަންނަ މަސައްކަތްތަކެވެ.
އިންޓަވިއު ފަށަމުން ޝާފީ ވިދާޅުވިހެން އެހެން ދާއިރާތަކުން މީހުން ތަޖުރިބާ ހޯދިވަރަކަށް މުސްކުޅި ވިޔަސް ފޮޓޯގްރާފަރުން ތަޖުރިބާ ހޯދިވަރަކަށް ވަނީ ޒުވާނެވެ. އެކަން މިއަދު ސާބިތުކޮށްދެނީ ޝާފީގެ ހިތްވަރާއި ފަންވަރެވެ. އޭނާގެ އުމުރުން ދުވަހެއް ދުވަހެއް މަދުވަމުން އައި ނަމަވެސް މިއަދު ވެސް އޭނާ އަކީ ޒުވާން ފޮޓޯގްރާފަރުންނަށް ދޫ ނުކުރާނެ "ޒުވާން" ފޮޓޯގްރާފަރެކެވެ.