ކުއްތާ ބޭނުން ކޮށްގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރު ކޮށްފި

ހުވަދު އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަން ބަނގުރާ އުފައްދަން ބޭނުންކުރާ އެއްޗެއް: ފޮޓޯ/ ޕޮލިސް

ހުވަދު އަތޮޅުގެ ރަށްތަކުގައި ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

އެހެންނަމަވެސް ހައްޔަރު ކުރި މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން މިއަދު ބުނީ ކުއްތާ ބޭނުން ކޮށްގެން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ހިންގާފައި ވަނީ ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އާއި އެ އަތޮޅު ފަރެސް މާތޮޑާ އާއި ގައްދޫގައި ކަމަށެވެ.

ހުވަދު އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

އެގޮތުން އެ ރަށްރަށުން ޖުމުލަ 57 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަސްތުވާ ތަކެތި ގެންގުޅުމާއި ޖިނާއީ އެހެނިހެން ކުށްކުށުގެ ތުހުމަތުގައި 80 މީހަކު އެ އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ރަށްރަށުން ހުސް ބިންތަކުގެ ގޮތުގައި އޮތް އަށް ބިމެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މަސްތުވާ ތަކެއްޗާއި ބަންގުރަލާއި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް އާލަތްތައް އަތުލައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް