ވީޓީވީއަށް ގެއްލުން ދިނުމުގެ ކުށުގައި ޖަލަށްލާފައިވާ މީހަކަށް ރައީސް މައާފު ދެއްވައިފި

ހުސައިން ޝިފާއު ޖަމީލު

އިދިކޮޅު އެމްޑީޕީން 2012 ވަނަ އަހަރު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ވީޓީވީގެ އިމާރާތަށް ގެއްލުން ދިނުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ މީހަކަށް ރައީސުލްޖުމްހޫރުއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މައާފް ދެއްވައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މ. ނޫރުޒޭރުގޭ ހުސައިން ޝިފާއު ޖަމީލަށް ރައީސުލްޖުމްހޫރިއްޔާ މައާފު ދެއްވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުނެވެ.

ޝިފާއުއާ އެކު އިތުރު ތިން މީހަކަށް ވެސް ރައީސް ޔާމީން ވަނީ މައާފު ދެއްވައިފަ އެވެ.

އެމްޑީޕީ އިން 2012 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ވީޓީވީގެ އިމާރާތަށާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ މީހުންނާ ދިމާލަށް ވެސް ވަނީ ގައު އުކާފަ އެވެ.

ގައު އުކުމުގެ ސަބަބުން ވީޓީވީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ މައްސަލާގައި ހަތް އަހަރަށް ޖަލަށްލާފައިވާ މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދަށް ވެސް މީގެ ކުރިން ވަނީ މައާފުދެއްވާފަ އެވެ.

comment ކޮމެންޓް