ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ހުކުމްކޮށްފި

ހަވީރު މީޑިއާގެ ދަށުން ހިންގަމުންދާ ހަވީރުު އޮންލައިން --

ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގަލޮޅު ކޮއްކިރި، އަބްދުﷲ ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގޭ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް ވާކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ހަވީރަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަމިލަ ހިއްސާ އޮއްނަ ތަނެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް ފަހު އެވެ.

ހަވީރުގެ ޗެއާމަނާ ދެކޮޅަށް ދައުވާ ކުރައްވާފައި ވަނީ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އެވެ.

އެ ދެބޭފުޅުން ކުރެއްވި ދައުވާގައި ބުނެފައި ވަނީ ހަވީރު ނޫހާއި އެތަނުގެ ޗާޕްޚާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ މިހާރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އިތުރަށް ހެންވޭރު ޓައިމްސްލެސް މުހައްމަދު ނައީމްގެ ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށް ބުނެ އެވެ.

ދައުވާގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގެ މުދަލާއި އެތަނަށް ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައަކުން ކަމަށެވެ. ނަމަވެސް މިހާތަނަށް ހަވީރު ނޫސް އެޖެންސީގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އެ ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ޑރ. ޒާހިރު އަމިއްލަ އަށް، އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.

ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ބުނެ މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށުނު ހިސާބުން މިއަދާހަމައަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮއްނާނެ ކަމަށެވެ.

އެހެންކަމުން މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ފާރޫގާއި އިބްރާހިމް ރަޝީދާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެންދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ބަދަލުކޮށްގެ މިހާރު ހިންގަމުން ދިޔަ ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ހިއްސާ ހޯދަން އެ ދެބޭފުޅުން ދައުވާ ނުކުރުމަކީ މިހާރު ދައުވާ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުން އަދި ވެސް ދެމި އޮތް ކަމަށާއި އެއް އެއްބަސްވުމަކީ ސައްހައެއްޗެއް ކަމަށެވެ.

ފަނޑިޔާރު އަބްދުރައޫފް އިބްރާހިމް އިސްފަނޑިޔާރުކަން ކުރެއްވި އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

comment ކޮމެންޓް