މުސްލިމް ބަރަދާހްޑްގެ ލީޑަރާއި އިތުރު 92 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

މިސްރުގެ މުސްލިމް ބަރދާހުޑްގެ ލީޑަރު ޑރ. މުޙައްމަދު ބަދީއު ---- ފޮޓޯ: ޑެއިލީ ސަބާހު

މިސްރުގެ މުސްލިމް ބަރަދާހުޑްގެ ލީޑަރު ޑރ. މުޙައްމަދު ބަދީއުއާއި އެ ޖަމާއަތުގެ އިތުރު 92 މީހަކު އުމުރަށް ޖަލަށްލާން ހުކްމް ކޮށްފި އެވެ.

މިސްރުގެ ސަރުކާރު ކޮންޓްރޯލްކުރާ އަލް އަހްރާމް ނިއުސް އިން ބުނީ ބަދިއުއާ އިތުރު 92 މީހަކަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމް މިއަދު މުސްރުގެ ކޯޓަކުން އިއްވާފައިވާ ކަމަށެވެ. އޭގެތެރެއިން 76 މީހަކަށް ހުކުމް އިއްވާފައި ވަނީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ.

އަލް އަހްރާމް ނިއުސް އިން ބުނިގޮތުގައި އެމީހުންނަށް އެ ހުކުމް އިއްވާފައި ވަނީ މިސްރުގެ ޕޯޓް ސައިދުގެ ފުލުހުންގެ މަރުކަޒެއް ކައިރީ 2013 ވަނަ އަހަރު ހިންގި ކުރިމަތިލުންތަކުގައި ފަސް މިހަކު މަރުވި މައްސަލާގައެވެ.

ބަދީއުގެ އިތުރުން ހުކުމް އިއްވި މުސްލިމް ބްރަދަހުޑްގެ އިސްބައެއް އެހެން ފަރާތްތަކުގެ ތެރޭގައި އެ ޖަމާއަތުގެ ސިޔާސީ ގޮފި، ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު އަލް ބަލްތާޖީއާއި މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވި އެގައުމުގެ ކުރީގެ ރައިސް ޑރ. މުހައްމަދު މުރުސީގެ ރިޔާސީ ކެމްޕޭންގައި އިސްކޮށް އުޅުއްވި ޞޮފްވަތު ހެގާޒީ ހިމެނެއެވެ.

މުސްލިމް ބަރދާހުޑްގެ ލީޑަރު ބަދީއުއަށް މިގެކުރިންވެސް ވަނީ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

ބަދީއުއަކީ މިސްރުގެ ޑިމޮކްރެޓިކް އިންތިޚާބީ ވެރިކަން 2013 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ބަދަލުކުރުމަށްފަހު ވެރިކަމާ ހަވާލުވި މިސްރުގެ މިހާރު ރައީސް ޖެނަރަލް އަބްދުލް ފައްތާހު އައް ސީސީ މިސްރުގެ ޒައަމަތާ ހަވާލުވެ މުސްލިމް ބްރަދާހުޑްގެ އިސްކޮށް ހަރަކާތްތެރިވާ 1000 މީހުންނާއެކު ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ.

މިސްރުގެ މިހާރުގެ ސަރުކާރުން ވަނީ މުސްލިމް ބްރަދާހުޑް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅައި އެ ޖަމާއަތުން ހަރަކާތްތައް ހިންގުން މަނާކޮށްފައެވެ.

ނަމަވެސް އެހަރަކާތައް ތައިދުކުރާ މިސްރުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން އެހަރަކަތައް ތާއީދުކުރާ އާންމުން ދަނީ ކޮންމެ ހުކުރު ދުވަހަކުވެސް މިސްރުގެ ވެރިކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ބާއްވަމުންނެވެ.

comment ކޮމެންޓް