މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން، ގަލްފުގެ ގައުމުތަކުގައި މަސައްކަތްކުރާ ދެކުނު އޭޝިއާގެ އެތައް މިލިއަން މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މީގެ ތެރޭގައި ފުރާނައަށް ނުރައްކާވުމާއި، ވަޒީފާ ގެއްލުމުގެ ބިރުވެރިކަން ހިމެނެއެވެ.
އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގެ އަސަރު އެންމެ ހިތްދަތި ގޮތަކަށް ކުރި އެއް އާއިލާއަކީ އިންޑިއާގެ އޮޑިޝާއަށް ނިސްބަތްވާ ކޫނާ ޚުންޓިއާގެ އާއިލާއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި މަސައްކަތްކުރަމުން ދިޔަ އުމުރުން 25 އަހަރުގެ ކޫނާ މަރުވީ، އީރާނުން ދިން ހަމަލާތަކެއް ދިފާއުކުރުމުގެ ތެރޭގައި އިވުނު ގަދަ އަޑުފަށްގަނޑާ ގުޅިގެން ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާގެ މަރާއެކު، އާއިލާއިން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ އުއްމީދު ވަނީ ގެއްލިފައެވެ.
ގަލްފުގެ ގައުމުތަކުގައި ދެކުނު އޭޝިއާއަށް ނިސްބަތްވާ ގާތްގަނޑަކަށް 21 މިލިއަން މަސައްކަތްތެރިން އުޅެއެވެ. ފަހަކަށް އައިސް އީރާނުން ދިން ހަމަލާތަކުގައި ޔޫއޭއީ، އޮމާން އަދި ސައުދީ އަރަބިއްޔާއިން މަރުވި މީހުންގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ނޭޕާލްގެ ރައްޔިތުން ހިމެނެއެވެ. ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި ނުރައްކާތަކާ އެކުވެސް، ގިނަ މަސައްކަތްތެރިންނަށް އެނބުރި ގައުމަށް ދެވެން ނެތީ ފަގީރުކަމާއި އާއިލާގެ ޒިންމާތަކާ ހުރެއެވެ. މެދުއިރުމަތިން ފޮނުވާ ފައިސާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބެވެ. އިންޑިއާއަށް އެކަނިވެސް އަހަރަކު 50 ބިލިއަން ޑޮލަރު ލިބޭއިރު، ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށްވެސް ބިލިއަނުން އާމްދަނީ ލިބެއެވެ.
އިގުތިސާދީ މާހިރުން ލަފާކުރައްވާ ގޮތުގައި، މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ވަޒީފާތައް ގެއްލި، ގައުމުތަކަށް ފޮނުވާ ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. އަދި ބައެއް މަސައްކަތްތެރިން ބިރުން ގައުމަށް އެނބުރި ދާން ނިންމާފައިވާއިރު، މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއްވައެވެ.