އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ނައިވީން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ----

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ކޮމެޓީގެ މެމްބަރަކު 'ސަން' އަށް ވިދާޅުވީ ނައިވީންގެ ނަންފުޅު ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.

ނައިވީންގެ އިތުރުން އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލެފާނާ ވެސް ކޮމެޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. ނަމަވެސް ކޮމެޓީގެ މެމްބަރު ވިދާޅުވީ މޫސާ އަލީ ކަލޭފާނުގެ ނަންފުޅު ކޮމެޓީން ފާސްވެފައިނުވާ ކަމަށެވެ. ނަމަވެސް ނައިވީންގެ ނަންފުޅެކޭ ވެސް އެއްފަދައިން އޭނާގެ ނަންފުޅު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމަނީސް އޭނާ އެޗްއާރްސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރަން އުޅޭތީ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ނުރުހުން ފާޅުކުރި ކަމަށް ވެސް ސަންއާ މައުލޫމާތު ހިއްސާ ކުރެއްވި މެމްބަރު ވިދާޅުވި އެވެ.

މޫސާ އަލީ ކަލޭފާނާއި އިތުރު ބައެއްގެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވާފައި ވަނީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނައަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ) ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ "ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމު"ތަކަށް އެޕޯލޯ ކުންފުނިން ހަމަ އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން އަންނަނީ އެ މައްސަލަ ދިރާސާ ކުރަމުން ކަމަށެވެ.

އެޗްއާރްސީއެމްއަށް އިތުރު ދެ މެމްބަރުން އައްޔަން ކުރަންޖެހޭ އިރު، މަޖިލީހުގެ ރުހުމާ އެކު ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި އެ ކޮމިޝަނަށް ތިން މެމްބަރަކު އައްޔަން ކުރައްވައިފަ އެވެ.

އެ ތިން ބޭފުޅުންނަކީ ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު ހ. ހަބަރުގޭ އާމިނަތު އީނާސާއި، މ. ކޮރަލްގާޑްންސް އާއިޝަތު އަފްރީން މުޙައްމަދެވެ.

comment ކޮމެންޓް