އެޗްޑީސީގެ ފަރާތުން އެމްއެންޑީއެފަށް ފަޔަރ ލޮރީއެއް ހަދިޔާކޮށްފި

ފަޔަލޮރީ ހަދިޔާކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް އަލިފާން ނިއްވުމަށް ބެނުންކުރާ "ފަޔަރ ލޮރީ" އެއް މިއަދު ހަދިޔާކޮށްފި އެވެ.

ހުޅުމާލެ އެޗްޑީސީ ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އުޅަނދުގެ ތަޅުދަނޑި އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އެމްއެންޑީއެފްގެ ފަރާތުން އުޅަނދާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ސިޔާމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް ސިޔާމް ވިދާޅުވީ، އެފަދަ އުޅަނދެއް އެޗްޑިސީގެ ފަރާތުން އެމްއެންޑީއެފަށް ހަދިޔާކުރެއްވި ކަމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނަށާއި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެމްއެންޑީއެފްގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސިޔާމް ވިދާޅުވީ، މިހާތަނަށް އައިއިރު ހިތާމަވެރި އަލިފާނުގެ ހާދިސާތައް ހުޅުމާލެއިން ވެސް ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި މިއަދު ލިބުނު އުޅަނދު އެމްއެންޑީއެފްގެ ފަރާތުން ބޭނުންކުރާނީ ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި ސީއެސްއާރުގެ ގޮތުގައި އެގޮތަށް ލިބޭ އުޅަނދުތަކުގެ ފުރިހަމަ ބޭނުން އެމްއެންޑީއެފުން ހިފާނެ ކަމަށެވެ.

އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ، ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާތަނަށް އަލިފާން ނިއްވުމުގެ ހިދުމަތް ދީފައި އޮތީ އެއާޕޯޓުގެ ފަޔަރ ލޮރީތައް ބޭނުންކޮށްގެން ކަމަށެވެ.

ސައިމަން ވިދާޅުވީ، މި ވެހިކަލް އެމްއެންޑީއެފަށް ހަދިޔާކުރުމުން ސީދާ ހުޅުމާލެއިން އެ ހިދުމަތް ލިބި ރައްކާތެރިކަން އިތުރަށް ޔަގީންވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތާގައި ވެސް އެ ކުންފުނީގެ ސީއެސްއާރު ބަޖެޓްގެ ދަށުން އެފަދަ ގިނަ ކަންތައްތަކެއް ކުރައްވާނެ އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް